ދުޝްމަނުންގެ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލުމަށް އީރާނުން ދެމުންގެންދާ ރައްދު ހަމަލާތަކުގެ ތަފްސީލް، އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ވައިގެ ސިފައިންގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ސަރްދާރު ސައްޔިދު މާޖިދު މައުސަވީ ދެއްވައިފިއެވެ.
އީރާނުގެ ގައުމީ ޓީވީ މެދުވެރިކޮށް ކޮމާންޑަރު ވިދާޅުވީ، އީރާނުން ބެލިސްޓިކް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި އެތައް ސިނާއަތެއް ހަލާކުކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ، މިހާތަނަށް ނިއޯޓް ހޮވާވް ކެމިކަލް ފެކްޓަރީ އާއި، ތެޔޮ ސާފުކުރާ ކާރުޚާނާއެއް ގޮއްވާލައި، ދެ ސްޓީލް ޕްލާންޓާއި، އެލުމިނިއަމް ދެ މެގަ ކޮންޕްލެކްސްއަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލާ ގުޅުންހުރި ސިނާއަތްތަކަށް ރައްދު ހަމަލާތައް ދިނުން މިހާރުވެސް ހުއްޓާނުލާ ކުރިއަށްދާ ކަމަށް، މޭޖަރ ޖެނެރަލް ސަރްދާރު ސައްޔިދު މާޖިދު މައުސަވީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުޝްމަނުންގެ ލޯތަކުން ވޭނުގެ އަސަރު ފެންނަންދެން “ވޭންދެނިވި ހަމަލާތަކެއް” ހުއްޓާނުލާ ދެމުން ގެންދާނޭ ކަމަށެވެ.
އިސްރާއީލުގެ އިތުރުން، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާ އަދި އިސްރާއީލުގެ މަސްލަހަތު އޮންނަ ސިނާއީ ތަންތަނަށް އީރާނުން ހަމަލާތައް ދޭންފެށީ، އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެފަދަ ތަންތަނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުންނެވެ.
ވައިގެ ސިފައިންގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ސަރްދާރު ސައްޔިދު މާޖިދު މައުސަވީ އިއްޔެ ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދިނުމުން އީރާނުން ކަންތައް ކުރިގޮތް ދުނިޔެ ދެކެފައިވާ ކަމަށެވެ. އީރާނުގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާދީގެން މިފަހަރު އަނެއްކާވެސް ތި ކުޅުނީ އަލިފާނާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްދު ހަމަލާތައް ފެށުމުގެކުރިން މޭޖަރ ޖެނެރަލް ސަރްދާރު ސައްޔިދު މާޖިދު މައުސަވީ ވިދާޅުވީ، އީރާނުން ރައްދު ހަމަލާތައް ދިނުމުގައި މިފަހަރު ބަލާނީ “ލޮލަކަށް ލޮލެއް” އުސޫލަށް ނޫން ކަމަށާއި، އެކަން ބަލަން ތިބުމަށެވެ.
އީރާނުން އިސްރާއީލަށް ވައިގެ ހަމަލާތައް ދެމުންގެންދާއިރު، ލުބުނާނުގެ ތެރެއިން ހިޒްބުﷲއިންވެސް ގެންދަނީ އިސްރާއީލުގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ޔަމަނުގައި ވެރިކަންކުރާ ހޫޘީންގެ އަސްކަރިއްޔާ، އަންސާރުﷲއިންވެސް މިރޭ ގެންދަނީ އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާތައް ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު