ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފުޓުބޯޅަ ތަޅުދަނޑު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި، އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައުދީ އާއި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުلله ރަޝީދު އެވެ.
މި މަޝްރޫއުގެ ދަށުން، ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޕިޗު ހަދައި، ބައުންޑަރީ ފާރު އިމާރާތްކޮށް، ފެންސް ޖަހައި، ލައިޓިން ސިސްޓަމް ހަރުކޮށް، އަދި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ. މިއީ 28.50 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

4186 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަކީ ހއ. އަތޮޅު ވެރިކަން ކުރާ ރަށެވެ. ދިއްދޫ ރައްޔިތުންނަކީ ފުޓްބޯޅައަށް ލޯބިކުރާ ބަޔަކަށް ވާއިރު، ގާއިމްކުރާ ފުޓްބޯޅަދަންޑުގެ ސަބަބުން ދިއްދޫގެ ރައްޔިތުންނަށް އެ ކުޅިވަރުގައި ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ވެސް ލިބޭނެ ކަމަށާއި ރަށުގައި އެކުވެރި މުޖްތަމައުއެއް ބިނާކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު