ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީސްގެ މެންބަރުންނާއި ކައުންސިލް މެންބަރުންގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ގަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ދެކެެވެމުން އަންނަ ވާހަކަތަކަށް އިޝާރަތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ޔޫތް ހަބްގައި ބޭއްވި އިވެންޓްގައި ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ކުރުމުގެ ފުރުސަތު ގެއްލޭ ކަަމަށް ބުނެވެސް ވާހަކަދެކެވެމުންދާ ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގައި އެކަން ވަރަށް ސާފްކޮށް ބަޔާން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެއީކީ މަޖިލީހުގެ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވައިގެން ކުރާ ކަމެއް ނޫން، ވަރަށް ސާފްކޮށް އެ އޮތީ މަޖިލީހުގެ ދައުރު،”.

ރައީސް ވިދާޅުވީ، އެމަނިކުފާނު ހުށަހަޅުއްވާ އިސްލާހީ އެޖެންޑާގެ ތެރޭގައި މަޖިލީސް މެންބަރުންނާއި، ކައުންސިލް މެންބަރުންގެ ދައުރުގެ ތެރޭގައި ގާނޫނުގައި މިގޮތަށް ކަނޑައަޅައިގެން ރީކޯލް ވޯޓު ނެގޭ ގޮތަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ.
“މާނައަކީ ކޮބާ، މަޖިލީސް މެންބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމެންސް ދަށްވީ ނޫނިއްޔާ ގާނޫނުގައި އޮންނަ ކަންކަން އެ ބޭފުޅުންގެ ކިބައިން ދިޔައީ، ދާ ހިސާބުން ރައްޔިތުންނަށް ފުރުސަތު ލިބޭނެ އެ ކަނޑައެޅިފައި އޮންނަ ގޮތަކަށް ވަކި އަދަދަކަށް ޕެޓިޝަން ހުށަހަޅައިގެން، މަޖިލީސް ތެރޭގައި ވަކި %ގެ ވޯޓު ހަމަކޮށްގެން، އެ މީހާ މަގާމުން ދުރު ކުރެވޭނެ، މަޖިލީސް މެންބަރުންވެސް ކައުންސިލް މެންބަރުންވެސް،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާފައި، މަޖިލީސް މެންބަރުން ހޮވުމަށް ފަހު، ދައުރު ތެރޭޭގައި އެ ގާނޫނުގައި ކަނޑައަޅައި ޝަރުތެއް ނޫނީ ކަމެއް އުނިވެއްޖެނަމަ، އޭނާ އެ ގޮނޑިން ބޭރު ކުރަން ރައްޔިތުންނަށް ފުރުސަތު ދިނުމަށް އެ ގާނޫނު ހުށަހަޅަން ގަސްދު ކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު