އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގެ އެތައް ސްޓޭޓެއްގެ މަގުތަކަށް އާންމުން ނުކުމެ ޓްރަމްޕަށް ނުރުހުން ފާޅުކުރަމުން އެބަ ގެންދެއެވެ.
އެމެރިކާގެ ސްޓޭޓްތަކުގެ ތިންހާހެއްހާ ސިޓީގެ މަގުތަކަށް ހަތްމިލިއަނަށްވުރެ ގިނަމީހުން ޖަމާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއީ އެމެރިކާގެ ތާރީޚްގައިވެސް މިހާ ގިނަ ބަޔަކު މަގުތަކަށް ނުކުތް ފުރަތަމަ ފަހަރު ކަމަށް، މުރާސިލުން ރިޕޯޓް ކުރެއެވެ.
ވެރިކަންކުރާ ވޮޝިންޓަން ޑީސީން ފެށިގެން، ނިއުޔޯކާއި، ކެލިފޯނިއާއާއި، އެނޫންވެސް އެތައް ސްޓޭޓެއްގެ މަގުތަކަށް އާންމުން ނުކުތީ އެއް ވަގުތަކާ ދިމާކޮށެވެ. ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ސްޓޭޓްތަކުގެ މަގުތަކަށްވެސް އެތަކެއްހާސް އާންމުން ނުކުމެފައި ވެއެވެ.
މިއީ، އެމެރިކާގެ ވާތުފިޔައިގެ ފިކުރުގެ މީހުން ބާއްވާ މުޒާހަރާތަކެކެވެ.
މުޒާހަރާތަކުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅުހަދާކަން ހާމަކޮށް އަދި ޓްރަމްޕް ގެންގުޅޭ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅުހެދުމާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ މައްސަލައާއި، ޓްރަމްޕްގެ ސަރުކާރުން ހިންގާ ކޮރަޕްޝަނާ ދެކޮޅު ހަދައި އެކަމާ ނުރުހުން ފާޅުކުރުންވެސް ހިމެނެއެވެ.
އެއްވުންތަކުގައި ވާހަކަ ދެއްކެވި ސިޔާސީ ބައެއް އިސް ބޭފުޅުން ވިދާޅުވީ، މިއީ ޓްރަމްޕަށް ނޫނެކޭ ބުނަންވީ ވަގުތު ކަމަށާއި، ކޮންގްރެސްގެ ހުއްދައާ ނުލައި ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު ޓްރަމްޕަށް ދީގެންނުވާނެ ކަމަށާއި، ޓްރަމްޕް ހުއްޓުވަންހޭ ކަމަށެވެ. ޓްރަމްޕް ވެރިކަމުން ޣަޒުލްކުރަންޖެހޭ ކަމަށެވެ.
އެމެރިކާގެ ސްޓޭޓްތަކާއި، ސިޓީތަކުގެ މަގުތަކަށް ނުކުމެފައިވާ ރައްޔިތުންގެ ގިނަކަމުން ދޭހަކޮށްދެނީ އެމެރިކާގެ ރައްޔިތުން ޑޮނަލްޑް ޓްރަމްޕަށް ނަފްރަތުކުރާ މިންވަރު އިތުރުވަމުންދާކަން ކަމަށް، މުހައްލިލުން ވިދާޅުވެއެވެ.
މިއީ، ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި “ނޯ ކިންގްސް” ގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ބައެކެވެ.
“ނޯ ކިންގްސް” އަކީ، ޓްރަމްޕް އެމެރިކާގައި ކުރާން އުޅެނީ ރަސްކަމެއް ކަމަށް ބުނެ އެކަމާ ދެކޮޅު ހެދުމަށް ފެށި މުޒާހަރާތަކެކެވެ. އިމިގްރޭޝަން، ކަސްޓަމްސް އެންފޯސްމަންޓް – އައިސް އޭޖެންޓުން އެމެރިކާގެ ރަށްތަކުގެ މަގުތަކަށް ނެރެ ރައްޔިތުންގެ ގަޔަށް ބަޑިޖަހައި މަރައި، ރައްޔިތުންނަށް ބޮޑެތި އަނިޔާކޮށް ހިފާ ހައްޔަރުކޮށް ޖަލަށްލައި ޓްރަމްޕް ބޭނުންވަނީ އައިސްއަކީ އޭނާގެ އަމިއްލަ ފައުޖަކަށް ހެދުމަށް ކަމަށާއި، އޭގެ ބާރުގައި “ރަސްކަމެއް” ކުރަން ކަމަށެވެ. ނަމަވެސް، އެ ފުރުސަތު ޓްރަމްޕަށް ނުދޭނޭ ކަމަށް، މުޒާހަރާ ކުރާ މީހުން ގެންދަނީ ބުނަމުންނެވެ.
ޓްރަމްޕާއި، އޭނާގެ ކައިރީގައި ތިބި އަނިޔާވެރިންގެ ކިބައިން އެމެރިކާ ސަލާމަތް ކުރަންޖެހޭ ކަމަށް، އާންމުންނާއި، ވާތުފިޔައިގެ ފިކުރުގެ ސިޔާސީ ލީޑަރުން ގެންދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު