ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިބާހު އެއްދުވަހެއްގައި ބާއްވަންވީ ސަބަބުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އިތުރަށް ސާފުކޮށްދެއްވައިފިއެވެ.
ސަންގު ޓީވީގެ “އެސްޕްރެސޯ ވިތް ރައީސް” އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން ވޯޓުލާ ސަރުކާރެއް ގެންނަކަމަށާއި، އެ ފަސް އަހަރުގެ މުޅި މުއްދަތުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަގު ފަހިވެފައި އޮންނަންޖެހޭ ކަމަށެވެ.
ނަމަވެސް ދެ އިންތިހާބުގެ ދެމެދު ހަ މަސްދުވަހުގެ ބޮޑު މުއްދަތެއް ފާއިތުވުމަކީ މިހާތަނަށް ވެފައި ހުރި ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ގެއްލޭ ހަ މަސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރެއް ގެންނަނީ ފުރަތަމަ ދުވަހުން ފެށިގެން ފަސް އަހަރު ނިމެންދެން ހިދުމަތް ކުރުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހުރަސް އަޅާ އެކިކަހަލަ ކަންތައްތައް މަޖިލިސް ތެރޭ މެދުވެރިކުރާކަމަކީ މިދިޔަ ހުރިހާ ސަރުކާރެއްގައި ފެނި ހާމަވެފައިވާ ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ “ފްރީ އެންޑް ފެއާ” އިންތިހާބަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ އެންމެ ބޮޑު އެއް ފައިދާ އަކީ ދައުލަތުގެ ޚަރަދު ކުޑަކުރުން ކަމަށް ވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު