ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި، އިންޑިއާ އާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ބެލުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވެއެވެ. މެޗަށް ކަނޑައަޅާފައިވާ ސީޓިންގް ކެޕޭސިޓީގެ އިތުރަށް ވެސް ދަނޑަށް މީހުން ވަދެފައިވާއިރު، ޓިކެޓު ނުލިބިގެން ދަނޑު ބޭރުގައި ވެސް ގިނަ ބަޔަކު، އެކި ގޮތްގޮތުން ދަނޑަށް ވަންނަން މަސައްކަތްކޮށްފައިވެއެވެ.
އެފްއޭއެމް އިން ހާމަކުރި ގޮތުގައި 3922 މީހުން މެޗު ބަލަން ދަނޑަށް ވަދެފައިވެއެވެ. އެއީ ޓިކެޓު ގަނެގެން، ރަސްމީކޮށް ދަނޑަށް ވަދެފައިވާ އަދަދެވެ. އެހެންނަމަވެސް މިއަށްވުރެ މި އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. މިއީ މި މުބާރާތުގައި އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަން މެޗެވެ.
ބަންގްލަދޭޝްގެ ސަޕޯޓަރުން ގިނަ އަދަދަކަށް ދަނޑަށް ވަން މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މެޗުގައި ތަނަވަސްކޮށްފައިވެއެވެ. މެޗާ ކުރިމަތިލިއިރު ވެސް ދެ ޓީމަށް ވެސް ސެމީގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން ދެ ޓީމުން ވެސް ވަރަށް ލުއިކޮށް މި މެޗު ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގައި ފެނިގެންދިޔައީ ދެ ޓީމުން ވެސް ކުރިއަށް ޖެހި އެޓޭކިން ގޭމެއް ކުޅެމުން ދިޔަ ތަނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އިންޑިއާއިންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާލް ޔާދަވް އެވެ.
ލަނޑަށްފަހު ބަންގްލަދޭޝް ޓީމު ވަރަށް ބޮޑަށް ޕްރެޝަރުގައި ކުޅެމުންދިޔައިރު، ރެފްރީގެ ނިންމުންތަކާ ގުޅިގެން އެ ޓީމުގެ ކޯޗު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އިންޑިއާ ކޯޗާއި، ޓީމުގެ އޮފިޝަލުންނާއި ބަންގްލަދޭޝް ކޯޗާ ދެމެދު ވެސް ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ.
މި ކަންކަމާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ބަންގްލަދޭޝް ޓީމުގެ ކޯޗަށް ރަތްކާޑު އަދި އިންޑިއާ ކޯޗަށް ރީނދޫ ކާޑު ދައްކާފައެވެ. އިންޑިއާގެ މެނޭޖަރަށް ވެސް މެޗުގައި ރަތް ކާޑު ދައްކާފައިވެއެވެ.
މެޗުގައި ލިބިފައި އޮތް ލީޑާއެކު އިންޑިއާ ޓީމުން ވަރަށް އިތުބާރާއި އުއްމީދުގައި އޮވެ ފުރަތަމަ ހާފު ނިންމާލަން ދިޔަ ނަމަވެސް، މި ހާފުގެ އިތުރުވަގުތުގެ 10 ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބަންގްލަދޭޝް ޓީމުގެ އެމެރިކާއަށް ނިސްބަތްވާ ރޮނާން ސުލިވަން ނަގައިދިން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ އަބްދުލް ރިޔާދު ފަހީމެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމަށް ވެސް ހިފިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާން ހިމެނޭ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ލިބުނީ އިންޑިއާ އަށެވެ. އެއީ ހަތަރު ޕޮއިންޓާއެކު، ފައިދާ ގޯލުން ކުރިލިބޭތީއެވެ. ދެވަނައިގެ ގޮތުގައި މި ގުރޫޕުން ސެމީއަށް ދަތުރުކުރި ބަންގްލަދޭޝް އަށްވެސް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ، ނޭޕާލާއި ގްރޫޕް ބީގެ ދެވަނަ ބަންގްލަދޭޝް އެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 15:45 ގައެވެ. ސެމީގެ ދެވަނަ މެޗުގައި އެރޭ، އިންޑިއާއިން ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ، ބޫޓާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އެރޭ 20:30 ގައެވެ.
ކިޔުންތެރިންގެ ހިޔާލު