ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤާނޫނު އޮތް ގޮތުން އިންތިޚާބުގައި ވޯޓުލާން އީ ފާސް ބޭނުން ނުކުރެވޭނެ: އިލެކްޝަންސް

ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި އެއިރެއްގައި 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. މިއީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤަކަށްވާއިރު މި ޙައްޤު އަދާކުރުމުގައި އެއްވެސް އޮޅުވާލުމެއް ނެތްކަން ކަށަވަރު ކުރުމަކީ، އިންތިޚާބުގެ ކަންކަން ބަލަހައްޓާ ފަރާތުގެ ޒިންމާއެކެވެ. އެހެންވެ، ވޯޓުލާންދާ ފަރާތްތަކުން އެ މީހެއްގެ މައުލޫމާތު ސައްޙަކަން ކަށަވަރު ކުރުމަށް ވަކި ލިޔެކިޔުންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅުއްވާފައެވެ.

މިއަދު ހުރިހާ ކަމެއްވެސް މިވަނީ، އިނގިލި ކުރިއަށް އައިސްފައެވެ. ބޭނުން ކޮންމެ ކަމެއް ފޯނު މެދުވެރިކޮށް ކުރެވެއެވެ. ވިޔަފާރިކުރަން ނަގުދު ފައިސާއާއި ކޭޝް ކާޑުތައް މިއަދު އަތުގައި ގެންގުޅެން ނުޖެހެއެވެ. ޑޮކްޓަރަށް ދެއްކުމަށާއި، އެހެނިހެން ޚިދުމަތްތައް ހޯދަން ބޭނުންވާ އައިޑީ ކާޑު މިއަދު އަތުގައި ގެންގުޅޭކަށް ނުޖެހެއެވެ. ލައިސަންސް ވެސް ބޭނުން ޖެހޭ ހާލަތުގައި ފޯނުން ދައްކާލެވޭ ގޮތަށް ޓެކޮނޮލޮޖީ މިއަދު މިވަނީ ކުރިއަރާފައެވެ.

މި ހުރިހާ ބަދަލުތަކާއެކު މިއަދު ކޮންމެ ރައްޔިތަކުވެސް އިންތިޚާބުތަކުގައި ވޯޓުލާން ގޮސް ކުރިމަތި ކުރުވަނީ، އެއް ސުވާލެކެވެ. އީ ފާސް މެދުވެރިކޮށް ޑިޖިޓަލް އައިޑީ ކާޑު ދައްކައިގެން މިއަދު ހުރިހާ ޚިދުމަތެއް ލިބޭއިރު، ވޯޓުލުމުގެ ޙައްޤު އަދާ ނުކުރެވެންވީ ކީއްވެތޯއެވެ. އީފާސްއަކީ ރައްކާތެރި، ދިވެހި ސަރުކާރުން މައުލޫމާތު ބަލަހައްޓާ އެއްޗަކަށްވާއިރު އަދި ދައުލަތުގެ އެކި އިދާރާތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކާއި، ޚިދުމަތް ދޭ އެހެނިހެން ތަންތަނުން މިއަދު އީ ފާސްގައި ހިމެނޭ ލިޔެކިޔުންތައް ބަލައިގަންނައިރު، އިލެކްޝަންސް ކޮމިޝަނުން އީފާސްގައި ހިމެނޭ ކާޑު ވޯޓުލާން ބަލައިނުގަންނަންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒަށް ވޯޓުލާން ދާ މީހުންނަށް ވަދެވޭނީ، އެ މީހެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޕާސްޕޯޓް ކާޑު ނުވަތަ ލައިންސަންސް ދެއްކުމަށްފަހުއެވެ. މި ލިޔުންތަކަކީ، މުއްދަތު ހަމަނުވާ ލިޔެކިޔުންތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ، ވިދާޅުވެފައެވެ. އެ ކޮމިޝަނަށް މިގޮތަށް ނިންމަން ޖެހިފައިވަނީ، ޤާނޫނުގައި އޮތް ހުރަހެއްގެ ސަބަބުންނެވެ.

އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން (ށ) ގައިވާ ގޮތުން ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު އަޑު ނުވަތަ މަންޒަރު ރެކޯޑު ކުރެވޭފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން މިކަމުގައި އިލެކްޝަންސް ކޮމިޝަނަށް އޮތް އެއްވެސް ބާރެއް ނެތެވެ.

އީފާސްއަކީ، ޑިޖިޓަލް އެއްޗަކަށްވާއިރު އެ ޑިޖިޓަލް ކާޑު ދެއްކޭނީ ފޯނު ނުވަތަ އެ ނޫންވެސް އިލެކްޓްރޯނިކް ޑިވައިސެއް ބޭނުން ކޮށްގެންނެވެ. މިފަދަ ޑިވައިސްތަކަކީ، މަންޒަރާއި އަޑު ރެކޯޑު ކުރެވޭ ތަކެއްޗަށްވާއިރު އެތަކެތި ހިފައިގެން ވޯޓުލާ މަރުކަޒަށް ނުވަދެވޭނެކަން ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިހާރު ޤާނޫނު އޮތްގޮތުން އެއްވެސް މީހަކަށް އީ ފާސް ބޭނުން ކޮށްގެން ވޯޓު ލެވޭނެ ފުރުސަތެއް ނެތެވެ.

ވޯޓުލާ ދުވަހު ކޮންމެ މީހަކުވެސް ވޯޓުލުމުގެ ޙައްޤު ކަށަވަރު ކުރުމަށް އެ މީހެއްގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިންސަންސް ކާޑުގެ މުއްދަތު ހަމަނުވާ އަސްލެއް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election commission

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

Election commission

އިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފި

Election commission

އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި

އަަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަކަށް އަސަރެއް ނުކުރާނެ: އިލެކްޝަންސް