ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 70 ޕަސެންޓް އިތުރަށް ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 565 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.
ކާޑު ލިމިޓުތަކަށް ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބީއެމްއެލް އޮތް މިންވަރު އެ ބޭންކުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ހާމަކޮށްދެއެވެ.
މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމުލަ އަދަދު 524 މިލިއަން ޑޮލަރަށް އަރައެވެ. އެއީ އޭގެ ކުރީއަހަރާ އަޅައިބަލާއިރު 200 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. ކުރިން ވިޔަފާރިތަކަށް ބޭނުންވާ ޓީޓީއަށް ދޫކުރެވެނީ 5 ޕަސަންޓު ނަމަވެސް، މިދިޔަ އަހަރު ތެރޭ ބީއެމްއެލުން ވަނީ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު 50 ޕަސަންޓާ ހަމއަށް އިތުރުކޮށްދީފައިކަން އެ ބޭންކުން ފާހަގަކުރެއެވެ.
ޝަރީފް ވިދާޅުވީ އެ ހެޔޮ ބަދަލުތަކާއެކު ބީއެމްއެލްއަށް ވެސް ވިޔަފާރިތަކަށްވެސް އަދި އާންމު ފަރުދުންނަށްވެސް އޭގެ މަންފާ ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު