ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ މަހު ކުލި ގާތްގަނޑަކަށް 10,000 ރުފިޔާގައި ހުންނާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި 1,224 ޔުނިޓު އެޅުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފައެވެ. މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ޖުމްލަ 3,260 ހައުސިން ޔުނިޓް އެޅުމަށް ބޭންކުން އިންވެސްޓު ކުރަމުންދާ ކަމަށެވެ. އަދި މި ފުލެޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލުމަށް ހުރިހާ ކޮންޓްރެކްޓަރުންނާއެކު އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ހައުސިން މިނިސްޓްރީއާއި ބީއެމްއެލް ގުޅިގެން މި މަޝްރޫއު ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ، އަގުހެޔޮ ފުލެޓަށް ކަނޑައެޅޭ ކެޓަގަރީގެ މީހުންނަށް، އަތްފޯރާފަށުގެ އަގެއްގައި ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމެވެ.
ފުލެޓުތަކުގެ ކުއްޔާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ކުލި ކަނޑައެޅުމުގެ ފަހުގެ ނިންމުންތައް އަދި ނިންމާފައި ނުވި ނަމަވެސް، މިހާރުގެ ހިސާބުތަކަށް ބަލާއިރު ތިން ކޮޓަރީގެ އެޕާޓްމެންޓެއް 10,000 ރުފިޔާއަށް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ޖުމްލަ 7,900 ފުލެޓު އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބީއެމްއެލްއިން އިމާރާތްކުރާ 3,000 ފުލެޓަށް މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ވަދެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު