ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ސްރީ ލަންކާގައި ހުޅުވުމަށް ލައިސަންސް ހޯދުމަށް ގައުމުގެ ސެންޓްރަލް ބޭންކުގައި އެދިފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު ރޭ ވިދާޅުވީ ބޭރު ގައުމެއްގައި ބޭންކުގެ ބްރާންޗެއް ހުޅުވާއިރު، ބޭންކުގެ ރައުސްމާލު ރަނގަޅުވާން ޖެހޭ ކަމަށެވެ.
“ބޭރު ގައުމުތަކުގައި ކެޕިޓަލް ރިކުއާމެންޓް ފުދޭ ވަރަކަށް ބޮޑު ދެއްތޯ. ދެން ރެޕް އޮފީހެއް ކަހަލަ ތަނެއް ހުރެދާނެ. އެކަމަކު އަޅުގަނޑުމެންނަށް ސްރީ ލަންކާގައި ބްރާންޗެއް ހުޅުވިދާނެ ކަމަށް ގަބޫލުކުރެވޭތީ ބްރާންޗެއް ހުޅުވަން އަޅުގަނޑުމެން ލައިސެންސަށް އެދިފަ ވާނީ، އަޅުގަނޑުމެން ޕްރޮޕޯސަލްތައް ހުށަހަޅާފަ މިހާރު ވާނީ” ޝަރީފު
ޝަރީފު ވިދާޅުވީ ބީއެމްއެލްގެ ކެޕިޓަލް މިހާރު ހުރީ 16 ބިލިއަން ރުފިޔާގައި ކަމަށެވެ.
ބީއެމްއެލުން ވަނީ އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމް ބަހައްޓައިފައެވެ. އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ބީއެމްއެލުން އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު