މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ މީހުން، ކުރިން ލިބިފައިވާ ބިމާއި ފްލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލީ އުސޫލު އިއްޔެ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މިއީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ދަށުން މާލެ ސަރަހައްދުން ފުލެޓާއި ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކުގެ ތެރެއިން، ވަކި ހާލަތްތަކެއްގައި ފުލެޓާއި ގޯތި ދޫކޮށްލަންޖެހޭ މީހުން އަމަލުކުރަންޖެހޭނެ އިޖުރާތުތައް ބަޔާންކުރާ އުސޫލެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓުތަކަށް ވެސް އަމަލުކުރާނީ މި އުސޫލުގެ ދަށުން ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި އުސޫލުގައިވާ ގޮތުން، މާލެ ސަރަހައްދުގެ ގޮތުގައި ބަލަނީ މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅެވެ.
ބިން ނުވަތަ ފުލެޓު ދޫކޮށްލެވޭނެ ފަރާތްތައް
އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި، ތިރީގައިވާ ފަރާތްތަކަށް ބިން ނުވަތަ ފުލެޓު ދޫކޮށްލުމުގެ ފުރުސަތު އޮންނާނެއެވެ:
- މައިންބަފައިންނަށް: އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަށް.
- ދަރިންނަށް: އެ މީހެއްގެ އުފަން ދަރިއަކަށް.
- އަނބިމީހާ ނުވަތަ ފިރިމީހާއަށް: ތަރިކައިގެ އުސޫލުން ލިބޭ ބައި ދޫކޮށްލާ ހާލަތްތަކުގައި.
- އެއްބަނޑުއެއްބަފާ މީހުންނަށް: ތަރިކައިގެ މައްސަލައެއްގެ ތެރެއިން އެކަކަށް ލިބޭ ބައި އަނެކަކަށް ދޫކޮށްލުމުގައި.
ދައުލަތަށް ބިން ދޫކޮށްލަންޖެހޭ ހާލަތްތައް
ވަކި ހާއްސަ ހާލަތްތަކެއްގައި އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ބިން ދޫކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި އަލަށް ލިބޭ ގޯތީގެ ސަބަބުން ނުވަތަ ކުރިން އޮތް ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އިމާރާތްކުރުމަށް ދަތިވާ ހާލަތްތަކާއި، ”ބިންވެރިޔާ“ ސްކީމް ފަދަ ސަރުކާރުގެ ހާއްސަ ސްކީމްތަކުގެ ދަށުން ގޯތި ލިބޭ މީހުން ހިމެނެއެވެ.
ފުލެޓު ދޫކޮށްލުމުގެ ޝަރުތުތައް
ފުލެޓު ދޫކޮށްލާ ފަރާތްތަކުން އެ ތަނެއް ދޫކޮށްލަންވާނީ ހަވާލުކުރިއިރު ހުރި ފަދަ އެކަށީގެންވާ ފެންވަރަކަށް މަރާމާތުކުރުމަށް ފަހުގައެވެ. އަދި ފުލެޓު ދޫކޮށްލުމުގެ އިޖުރާތުތައް ފުރިހަމަކޮށް، 30 ދުވަހުގެ ތެރޭގައި އެކަން ހައުސިން މިނިސްޓްރީއަށް އަންގަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި، މިހާރު ލިބިފައިވާ ބިމާއި ފްލެޓް ދޫކޮށްލުމުން ގޯތި ލިބޭނެ ކެޓަގަރީތައް ވަނީ ހިމަނައިފައެވެ. މި އާ އުސޫލުގެ ސަބަބުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު