އީރާނަށް ލިބިފައިވާ އަސްކަރީ ގާބިލްކަން އެމެރިކާއަށް ނޭނގޭ ކަމަށާއި، ހަނގުރާމައިގެ މައިދާނުން އެކަން ފެންނާނެ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރު، އައިއާރްޖީސީން ބުނެފިއެވެ.
އައިއާރްޖީސީން މިހެން ބުނެފައިވަނީ، އަވަށްޓެރި ގައުމުތަކުގެ ކަރަންޓާއި ފެނުގެ ވިއުގަތަކަށް އީރާނުން ހަމަލާދޭން އުޅޭކަމަށް ބުނެ އީރާނުގެ ވެރިން ދެއްވި އިންޒާރުތަކާ ގުޅޭގޮތުން މުޅިން ހަގީގަތް އޮޅުވާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަތުރަމުންދާ ވާހަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.
އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ، އީރާނުގެ ތަންތަނަށް ނުރައްކާކޮށް ހަމަލާތައް ދޭނަމަ ބަދަލުހިފުމުގެގޮތުން ހަމަ އެފެންވަރުގެ ރައްދު ހަމަލާތައް ދެމުންގެންދާނޭ ކަމަށެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ އެއްކަމަކީ، އެމެރިކާއިން އީރާނުގެ އިންޖީނުގެތަކަށް ބޮންއަޅައިފިނަމަ ފުރަތަމަ ކަމަކަށް ރައްދު ހަމަލާތައް އަމާޒުވާނީ އިސްރާއީލުގެ އިންޖީނުގެތަކަށް ކަމެވެ.
ދެވަނަ ކަމަކަށް ފާހަގަ ކޮށްފައިވަނީ، ދެން ރައްދު ހަމަލާތައް ދެމުންގެންދާނީ ގަލްފްގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކަރަންޓު ފޯރުކޮށްދޭ ވަސީލަތްތަކަށް ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހޮސްޕިޓަލްތަކަށާއި، ސްކޫލްތަކަށާއި، އިމަޖެންސީ އެހީދޭ ސެންޓަރުތަކަށް ބޮން އެޅުމުންވެސް އީރާނުން އެފަދަ ތަންތަނަށް ރައްދު ހަމަލާ ނުދޭ ކަމަށާއި، އެކަމަކު ކަރަންޓު ވިއުގަތަކަށް ހަމަލާ ދީފިނަމަ މަޑުން ނުތިބޭނޭ ކަމަށް، އައިއާރްޖީސީގެ ބަޔާނުގައި އިންޒާރު ކޮށްފައި ވެއެވެ.
ބުނެފައިވަނީ، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އާންމު ޚިދުމަތްދޭ ހުރިހާ ކަމަކާއި ކަރަންޓާ ގުޅިފައިވާތީ، ކަރަންޓާ ކުޅެފިނަމަ އީރާނުގެ ރައްދު ވަރަށް ވަރުގަދަ ވަނޭ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށާއި، އީރާނުގެ އެހެން ސިޓީތަކަށް ރޭ ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން ތެހެރާނުގެ އެތައް ހިސާބަކުންނާއި، ޚުރާމްއާބާދު ސީޓީންވެސް ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައެވެ. އެމެރިކާއާއި އިސްރާއީލުގެ 50 ހަނގުރާމަމަތީ ޖެޓުތަކުން އަދިވެސް އީރާނަށް ހަމަލާ ދެމުން ގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް، ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން އީރާނަށް ދިން މުލުހަތުން ވިއްސަކަށް ގަޑިއިރު އަދި ބާކީ އޮތްއިރު، އީރާނުގެ ޚަރަޖް އައިލެންޑް ހިފައި، އަދި ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން ހަމަލާދޭން ފެށުމަށް ޓްރަމްޕް މިހާރުވަނީ އެމެރިކާ ސިފައިންގެ ވަރުގަދަ ދެ ލަޝްކަރާއި، ވަރުގަދަ ހަތިޔާރުތައް އަރަބި ކަނޑަށް ޖަމާކޮށްފައެވެ.
އަދި އެމެރިކާއިން އިއްޔެއާއި ރޭގައިވެސްވަނީ، ހޮރްމޫޒުގެ އައްސޭރި ފަށުގައި ގާއިމްކޮށްފައިވާ އީރާނުގެ އަސްކަރީ އެތައް ތަނަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ބޭނުމަކީ އެމެރިކާ ސިފައިން ޚަރްޖް އައިލެންޑާއި، ހޮރްމޫޒު ހިފާއިރު، އެމެރިކާ ސިފައިންނަށް އީރާނުންދޭ ގެއްލުންތައް ކުޑަކުރުމެވެ.
ހޮރްމޫޒު ހުޅުވަން އީރާނަށް މުހުލަތު ދިންއިރުވެސް، މި އުދުވާނު ހިންގުމަށް ޓްރަމްޕް ނިންމާފައިވާ ކަމަށް، ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޓްރަމްޕް ދިން އެއްވެސް އިންޒާރަކަށް އީރާނު ބޮލެއް ނުލެނބިއެވެ. އީރާނު އަސްކަރިއްޔާއާއި، އިންގިލާބީ ލަޝްކަރުން އަންގާފައިވަނީ އެމެރިކާ ސިފައިންގެ އިންތިޒާރުގައި ތިބި ކަމަށެވެ.
މިއީ، އެމެރިކާ ސިފައިންނާއި އީރާނު ސިފައިން ހަނގުރާމައިގެ މައިދާނުގައި އަދި އެއްގަމުމަގުން ސީދާ ކުރިމަތިލާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު