ޑިއެގޯ ގާސިއާއަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލި ކަމަށް ފަތުރަމުންދާ ވާހަކަތައް އީރާނުން ދޮގުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އަލް ޖަޒީރާއިންނެވެ. ޑިއެގޯ ގާސިއާއަށް ފޮނުވާލި ކަމަށް ބުނާ ބެލިސްޓިކް މިސައިލް ހަމަލާތަކުގެ ފަހަތުގައިވަނީ އީރާނު ނޫން ކަމަށާއި، އެކަމުގެ ޒިންމާ އީރާނުން ނުއުފުލާ ކަމަށް، އީރާނު ސަރުކާރުގެ އޮސް އޮފިޝަލަކު ކަށަވަރު ކޮށްދެއްވާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވެއެވެ.
މައުލޫމާތު ދެއްވި އިސް އޮފިޝަލްގެ ނަމެއް އަލްޖަޒީރާއިން ހާމަކޮށްފައެއް ނުވެއެވެ.
ޑިއެގޯ ގާސިއާއާއި އީރާނާ ދެމެދު ގާތްގަނޑަކަށް 4،000 ކިލޯމީޓަރުގެ ދުރުމިން ހުރެއެވެ.
އީރާނުން ޑިއެގޯ ގާސިއާއަށް ފޮނުވާލީ “ޚުއްރާމްޝަހްރް-4” ގެ ދެ މިސައިލް ކަމަށާއި، އޭގެ އެއް މިސައިލް ވައިގެ ތެރޭގައި އުދުހެނިކޮށް ވެއްޓުނީ ކަމަށާއި، ދެވަނަ މިސައިލް އެމެރިކާ ސިފައިން ވައްޓާލީ ކަމަށް ހުޅަނގުގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.
އީރާނުން ޑިއެގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލި ކަމުގެ ރިޕޯޓާއެކު، ހުޅަނގުގެ މީޑިއާ ވިއުގަތަކުން އެކަމުގެ އެކި ޚަބަރުތައް ވަރަށް ފުޅާ ދާއިރާއެއްގައި ފަތުރަމުން އެބަ ގެންދެއެވެ.
ޚާއްސަކޮށް އެމެރިކާގެ މީޑިއާ ވަސީލަތްތަކުން ގެންދަނީ، އީރާނަކީ ހުޅަނގަށް ހުރި ބިރެއްކަމަށް ބުނެ ޓްރަމްޕް ދެމުންގެންދިޔަ އިންޒާރުތަކަކީ ސައްހަ އިންޒާރުތަކެއްކަން ޑިއެގޯ ގާސިއާ ހާދިސާއިން ހާމަވެގެން ގޮސްފައިވާ ކަމްށް ބުނެ އެތައް ވާހަކަތަކެއް ފަތުރަމުންނެވެ.
އަދި އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީޔަލް ޒާމިރު ބުނެފައިވަނީ، ޑިއެގޯ ގާސިއާއަށް މިސައިލް ހަމަލާތައް ފޮނުވާލުމުން، އީރާނު އަތުގައި ހުރީ 2،500 ކިލޯ މީޓަރު ދުރަށް ދަތުރުކުރާ މިސައިލް އެކަނި ނޫން ކަމާއި، އެއަށްވުރެ ދުރަށް ދަތުރުކުރާ މިސައިލް ހުރިކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން، ޔޫރަޕްގެ ބައެއް ގައުމުތަކުގެ ނަންތައް ހާމަކޮށް، އީރާނުން ދެން ހަމަލާދޭން ދިމާކުރާނީ އެ ގައުމުތަކާ ކަމަށްބުނެ ހުޅަނގުގެ ގައުމުތަކަށް އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފްވަނީ ބިރުދައްކައި ބަޔާނެއްވެސް ނެރެފައެވެ. އިސްރާއީލުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ އީރާނަށް ހަމަލާ ދިނުމުގައި ޔޫރަޕްގެ ގައުމުތައް ބައިވެރި ކުރުމަށެވެ.
އީރާނުގެ ޑްރޯންތަކާ އެއް ބައްޓަމަކަށް ޑްރޯންތައް ހަދައި، އީރާނުގެ ޑްރޯންތަކުގައި ހުންނަގޮތަށް ސްޕްރޭކޮށް ލޭބަލްކޮށްގެން އެމެރިކާއާއި އިސްރާއީލުން ގަލްފްގެ ގައުމުތަކުގެ އެހެން ތަންތަނަށް ހަމަލާދެމުން ގެންދާކަމަށް އީރާނުން ތަކުރާރުކޮށް ބުނެފައި ވެއެވެ.
ގައުމުތަކަށް ހަމަލާ ދީގެން އެމެރިކާއާއި އިސްރާއީލުން މަސައްކަތް ކުރަނީ ސަރަހައްދުގެ ގައުމުތައް އީރާނާ ދެކޮޅުވެރި ކުރުވައި ހަނގުރާމައަށް ނެރުމަށެވެ.
ޑިއެގޯ ގާސިއާއަށް ފޮނުވާލި ކަމަށް ބުނާ މިސައިލް ހަމަލާތަކަށްފަހު އެމެރިކާއާއި އިސްރާއީލުގެ ވެރިންގެ ވާހަކަތައް ހުރިގޮތުންނާއި، ހުޅަނގުގެ މީޑިއާއިން ފަތުރަމުންދާ ވާހަކަތަކަށް ބަލާއިރު، އީރާނުން ބުނި ވާހަކައަކީ ތެދުކަމަށް ގަބޫލު ކުރެވެއެވެ. މިސައިލްތައް ފޮނުވާލީ އީރާނަކުން ނޫނެވެ.
ކިޔުންތެރިންގެ ހިޔާލު