ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު، ސަމާލްވޭ!

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ހޫނު ވުމާއި ގުޅިގެން އިރުގެ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ހޫނުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މައުލޫމާތުދެއްވާ ގޮތުގައި ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މަށްޗަށް ދާ ދުވަސްވަރެވެ. އަދި މި ދުވަސްވަރު ހޫނު ގަދަވުމަށް މެދުވެރިވާ ސަބަބަކީ ވިލާ މަދުވެ، ވައި މަޑުވެ، ވައިގެ ތެއްކަން ހިފެހެއްޓޭ މިންވަރު މަތިވުމުންނެވެ. އަދި ދުވާލުގެ ހޫނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ހޫނުމިން މަތިވެގެންދާ ވަރާ އަޅާބަލާއިރު، އެ ފަރަގުވެސް ކުޑަވެއެވެ. މިކަމުގެ ސަބަބުން ޢާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެގެންދާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ.

މިދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން އެޗްޕީއޭއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކުރާ އަސަރު މާބޮޑުކަން ފާހަގަކޮށް، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޢިލްތިމާސްކޮށްފައެވެ.

ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ބޮޑުވާތީ، ބެލެނިވެރިން މިކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތު ކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާ ކުޑަކުދިންގެ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ، ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާ ގޮތުން، އެކުދިންގެ ބަރުދަނާ އަޅާބަލާއިރު ހަމުގެ ސައިޒު ބޮޑުވުމުން ހަށިގަނޑަށް ބޮޑަށް ހޫނު ދަމައިގަންނާނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް އެންމެ ތުއްތު ކުދިންނަށް މިކަމުން ވަރަށް ބޮޑަށް ނުރައްކާވާނެ ކަމަށެވެ.

“ޚާއްޞަކޮށް އެންމެ ތުއްތު ކުދިންގެ ހަށިގަނޑުގެ ފަސްބައިކުޅަ އެއްބަޔަކީ ބޯ ހަން ކަމަށްވާއިރު، އެއީ ހޫނަށް އެންމެ ބޮޑަށް ހުށަހެޅޭ ގުނަވަން، މީގެ އިތުރުން ކުޑަކުދިންނަކީ ޤުދުރަތީ ގޮތުންވެސް ހަށިގަނޑުގައި އަވަހަށް ހޫނު އުފައްދާ ބައެއް. އަދި އެކުދިންނަކީ ހަރަކާތްތެރިވެ ދުވެ ހަދާ ބަޔަކަށްވުމުން، ނޭވާލާ މިންވަރާއި ވިންދު ޖަހާ މިންވަރު އިތުރުވެ، މެޓަބޮލިޒަމް ރޭޓް މަތިވެ ދާހިއްލާ މިންވަރަށްވެސް ބަދަލުތައް އާދޭ.” ޑރ.ފައިސަލް

އެންމެ ބޮޑަށް ނުރައްކާވާ ފަރާތްތައް

  • ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން
  • މާބަނޑު މީހުން
  • ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން
  • އަވީގައި ގިނަވަގުތު މަސައްކަތް ކުރަންޖެހޭ ފަރާތްތައް

ޑރ. ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ބެލެނިވެރިން ސަމާލުވާންޖެހޭ ކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ހޫނުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށްވެސް ބާރުއެޅުއްވިއެވެ.

“އެންމެ ތުއްތު ކުދިންނަށް ހޫނުވެގެން އަމިއްލައަށް އެއްވެސް ކަމެއް ކުރަން ނޭނގޭ، އެކުދިންނަށް ބޭނުންވާ އަޅާލުން ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއް، އަދި ބައެއް މީހުން އަލަށް އުފަންވާ ކުދިން އަވީގައި ޖެއްސުމަކީ މުހިންމު ކަމެއް ކަމަށް ބުނޭ، ނަމަވެސް، މިދުވަސްވަރު އެއީ ރައްކާތެރި ކަމެއް ނޫން. އަދި ހޫނު ގަދަވުމުގެ ސަބަބުން ގާތުން ދޭ ކުދިންނަށް އިތުރަށް ފެން ދޭންޖެހޭނެތޯ ބައެއް މައިން ސުވާލު ކުރި ނަމަވެސް، ގާތުންދޭ ކުދިންނަށް އިތުރަށް ފެން ދޭކަށް ނުޖެހޭނެ. އެންމެ ނުރައްކާތެރި އަސަރެއް ކުރަނީ ސިކުނޑިއަށް. އޭރުން މީހާއަށް ވާނުވާ ނޭނގުން، ވަރުބަލިވުން، ބޯއެނބުރުން، ހޭނެތުން ނުވަތަ ފިޓް ޖެހުން ފަދަ ކަންކަން ހިމެނެއެވެ. މިއީ އަޅުގަނޑުމެން މިކިޔާ ‘ހީޓް ސްޓްރޯކް’ ޖެހުމުގެ އަލާމަތްތައް އަދި ބައެއް ހާލަތްތަކުގައި ކުއްޖާ ކޯމާއަކަށް ދިއުމުގެ ފުރުސަތުވެސް އޮވޭ.” ޑރ.ފައިސަލް ވިދާޅުވިއެވެ.

ކުޑަކުދިން ހޫނުން ރައްކާތެރި ކުރުމަށްޓަކައި ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގަޔަށް ދޫ ތުނި ހެދުން ލެއްވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ގާތުން ކިރުދޭ ކުދިންނަށް ޤަވާއިދުން ކިރު ދިނުމަށާއި، 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ދިޔާ ތަކެއްޗާއި، ފެން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން ހޫނުގަދަ ގަޑިތަކުގައި ބޭރަށް ގެންދަން ޖެހިއްޖެ ނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން ވަނީ، ހެނދުނު 10 އަކުން ހަވީރު 4 އަކާއި ދެމެދު ސީދާ އަވީގައި އުޅުން މަދުކުރުމަށް އިރުޝާދު ދީފައެވެ. އަދި މި ދުވަސްވަރު ގިނައިން ދިޔާ ތަކެތި ބުއިމަށްވެސް ވަނީ ބާރުއަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް