އިސްރާއީލު ސިފައިން އަންގާރަ ދުވަހު ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރު ކޮށްދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ، އީރާނު ސަރުކާރަށް ނިސްބަތްވާ މެހްރް ނިއުސްއިން މިރޭ އާންމުކުރި، އީރާނު ސަރުކާރުގެ ބަޔާނެއްގައެވެ.
މިއީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް އުދުވާނީ ހަމަލާތައް ދޭންފެށި ފުރަތަމަ ދުވަހު، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލިފަހުން، މި އުދުވާނުގައި އީރާނުން އަވަހާރަކޮށްލި މިފަދަ ދެވަނަ އެންމެ އިސް ލީޑަރެވެ.
އަލީ ލަރިޖާނީއަކީ އީރާނުގެ ގައުމީ ސަލާމަތާބެހޭ ކަންކަމުގެ އެންމެ އިސް މޭސްތިރިއެވެ. އަސްކަރީ އަދި ސިޔާސީ ތަޖުރިބާވެސް ހުންނެވި ބޭފުޅެކެވެ.
އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަށްފަހު އެމެރިކާއާއި އިސްރާއީލުން ދުށީ، އެމީހުންނަށް އީރާނުގައި ދެންއޮތް ހަމައެކަނި ނުރައްކަލަކީ އަލީ ލަރިޖާނީ ކަމަށެވެ.
އިސްރާއީލު ސިފައިން ދިން ވަރުގަދަ ހަމަލާގައި، އަލީ ލަރިޖާނީގެ އިތުރުން، އޭނާގެ ފިރިހެން ދަރިކަލުން ޑރ. މުރްތަޟާ ލަރިޖާނީއާއި، ކޮމާންޑަރ ސައްޔިދު ވާހިދު ފާތެމީ-ނަޖަދުވެސް އަވަހާރަވެފައިވާކަން އީރާނުން ކަށަވަރު ކޮށްދީފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު