އިސްތިއުމާރީ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުގައި ހިމެނޭ އިސް މިނިސްޓަރަކު މަރާލައިފި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ މާސްދަރުތަކުން ހާމަކުރަން ފަށައިފިއެވެ.
މިކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ އައިއާރްޖީސީގެ އިންޓެލް އެކައުންޓުން ޕޯސްޓްކުރި މެސެޖެއްގައެވެ.
މެސެޖްގައި ބުނެފައިވަނީ، އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓްގެ އިސް މިނިސްޓަރެއް މަރާލާފައިވަނީ އައިއާރްޖީސީން އިސްރާއީލުގެ އެތެރޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. ނަމަވެސް އޮޕަރޭޝަންގައި މަރާލީ ކޮން މިނިސްޓަރެއް ކަމެއް ބުނެފައެއް ނުވެއެވެ.
އައިއާރްޖީސީގެ މި އޮޕަރޭޝަނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ޚަބަރުތައް ދަނީ ފެތުރެމުންނެވެ.
މި ޚަބަރު މިފެތުނީ، އައިއާރްޖީސީން އިސްރާއީލުގެ އެތެރޭގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް މަރާލާފައިވާ ކަމަށް، ސޯޝަލް މީޑިއާގައި ކުރިން ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ.
އީރާނުގެ އެތެރޭގެ ބައެއް މަސްދަރުތަކާ ހަލާވާދީ ތުރުކީ މީޑިއާއިން ބުނެފައިވަނީ، އީރާނުން ގަލަންޓް މަރާލާފައިވަނީ، އޭނާގެ ގެއަށް ސީދާ އަމާޒުކޮށްދިން މިސައިލް ހަމަލާއެއްގައި ކަމަށެވެ. އިސްރާއީލުގެ އަޔަން ޑޯމްއަށް އީރާނުގެ މިސައިލް ނުހުއްޓުވުނު ކަމަށްވެސް ބުނެފައި ވެއެވެ.
ޔޮއާވް ގަލަންޓަކީ، ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރިމާތައް ހިންގުމުގެ ކުށުގައި ޝަރީއަތް ކުރުމަށްޓަކައި މުޖުރިމު ނަތަންޔާހޫއާއެކު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މީހެކެވެ. ނަތަންޔާހޫ، ގަލަންޓް މަގާމުން ދުރުކުރީ ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި ނަތަންޔާހޫއާ ދެމެދު ހިނގި އަރާރުންތަކަކަށް ފަހު 2024 ވަނަ އަހަރުއެވެ.
ޑިފެންސް މިނިސްޓަރުކަމުން ވަކިކުރި ނަމަވެސް، އޭނާއަކީ ނަތަންޔާހޫ ހަދާފައިވާ ހަނގުރާމައިގެ ކެބިނެޓު ނުވަތަ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ މީހެކެވެ. އީރާނަށް ހަމަލާދޭން ތަކުރާރުކޮށް ގޮވަމުންދިޔަ މީހެކެވެ.
ޔޮއާވް ގަލަންޓަކީ ޣައްޒާގެ އެތައްހާސް ކުޑަކުދިންނާއި، އަންހެނުންނާއި، އާންމުން ޝަހީދުކޮށް، އެމީހުންގެ ލެއިން ތަތްތެޅިފައިވާ މުޖުރިމެކެވެ.
ޑިފެންސް މިނިސްޓަރު ކަމުގައި ހުރެ ޣައްޒާގެ އާންމުން މެރުމަށް އަމުރުކޮށް ގަލަންޓް އިސްރާއީލު ސިފައިންނަށް އަންގާފައިވަނީ “ކަލޭމެން ތި ހަނގުރާމަކުރަނީ އިންސާނުންނާ ނޫން. ކަލޭމެން ތި ހަނގުރާމަކުރަނީ ޖަނަވާރުންނާ، އެކަކުވެސް ދޫނުކުރާތި” މިހެންނެވެ.
ގަލަންޓް ހިފައި ހައްޔަރު ކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުނު އެއް ސަބަބަކީ، ޣައްޒާގެ އާންމުންނާ ގުޅޭގޮތުން އޭނާ ދައްކާފައިވާ ވާހަތަކެވެ.
ކަށަވަރުނުވާ ބައެއް މަސްދަރުތަކުން ބުނަނީ، އައިއާރްޖީސީން އިސްރާއީލުގެ ތެރޭގައި ހަރަކާތްތެރިވެ މިހާރު ސިއްރު އޮޕަރޭޝަނެއް ހިންގަމުން ގެންދާ ކަމަށެވެ. އެ އޮޕަރޭޝަންގައި މީގެ ދެގަޑިއެއްހާއިރު ކުރިން ސެކިއުރިޓީ ކެބިނެޓުގެ މިނިސްޓަރަކު މަރާލާފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު ޔުއާވް ގަލަންޓާއި، ކުރީގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓްވެސް މަރާލާފައިވާ ކަމަށް ރިޕޯޓްތައް ދަނީ ފެތުރެމުންނެވެ.
އޭގެކުރިން އީރާނުންދިން ވަރުގަދަ މިސައިލް ހަމަލާތަކުގައި، ފަލަސްތީނު ރައްޔިތުން އެއްކޮށް މަރައިހުސްކޮށްލަން ނުވަތަ ގެދޮރާއި ބިމުން ބޭރުކޮށް ފައްސާލަން ހުވާކޮށް އެކަމަށް މަސައްކަތް ކުރަމުންދާ ހަރުކަށި ދެ ޒަޔަނިސްޓުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރ ބެން-ގްވީރާއި، ފައިނޭސް މިނިސްޓަރ ބެޒަލިލް ސްމޮރިޗްވެސް މަރާލާފާއިވާ ކަމަށް އީރާނުގެ މީޑިއާއިންނާއި، ދުނިޔޭގެ ބައެއް މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ ޖާސޫސީ މައި އިދާރާގެ ވެރިޔާއާއި، އަދި މުޖުރިމު ނަތަންޔާހޫއާއި އިސްރާއީލުގެ ޖާސޫސީ، އަސްކަރީ ގިނަ ވެރީންތައްވެސް މަރާލާފައިވާކަމަށް އީރާނުން ބުނަމުންދާއިރު، އަދި އެމީހުންނަށް ނިސްބަތްވާ ތަންތަނާއި، އެމީހުންގެ ގެދޮރަށް އީރާނުން ހަދާލާފައިވާގޮތް ވީޑިއޯތަކުން ފެންނަމުންދާ އިރުވެސް އެއިން އެއްވެސް ވާހަކައެއް ކަށަވަރު ކޮށްދޭން އިސްރާއީލުން ގެންދަނީ ފަސްޖެހެމުންނެވެ. އީރާނުން އިސްރާއީލަށްދޭ ގެއްލުންތައް ދަނީ ސިއްރުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު