އިންޑިއާއާއި ރާއްޖެއާ ދެމެދު ހެދުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)އާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް މަޝްވަރާކުރުމާ ބެހޭ އެއްބަސްވުމެއް ހަދައިފައިވަނީ، މިދިޔަ އަހަރުގެ ޖުލައި 25ގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނީ އެ ގައުމުގެ ވިޔަފާރީގެ ޕާޓްނާޝިޕްތައް ފުޅާކުރުމުގެ ގޮތުން، އެ ގައުމުން މިހާރު އަންނަނީ ހަ ގައުމަކާއެކު ވިޔަފާރީގެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ.
އޭގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖެއާއެކު ހަދާ އެއްބަސްވުމާ ގުޅޭ ޓާމްސް އޮފް ކޮންޑިޝަންސް (ޓީއޯއައި)ގައި މިހާރު ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ޓީއޯއައިގައި، އެއްބަސްވުމާ ގުޅޭ ދާއިރާތަކާއި އުސޫލުތައް ހިމަނައިފައިވެއެވެ.
އިންޑިއާއިން ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ހުށަހެޅި ކަމަށް ސަރުކާރުން އިއުލާންކުރީ 2024 ވަނަ އަހަރު އެވެ.
މި ސަރުކާރުން ވަނީ ޗައިނާއާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު