ޚިޔާނާތުގެ ކުށުގައި 32 އަހަރަށް ޖަލަށްލާފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަޙްމަދު ވިދާޅުވީ ބައްސާމް އިއްޔެ, ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސްކަމުގައި ހުރިއިރު އެ އެސޯސިއޭޝަނަށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ބައްސާމްގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
ޚިޔާނާތުގެ ފައިސާ އިން ހުޅުމާލެ އަމީންއެވެނިއު އިން ގަނެފައިވާ އެޕާޓްމަންޓް ދައުލަތަށް ވަނީ ނަގާފައެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއް ވެސް ކޯޓްގައި ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ހިޔާލު