އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެހީވާން މަނަރުތައް ފޮނުވައިދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދުނު އެދުމަށް ދުނިޔޭގެ އެއްވެސް ގައުމަކުން އިޖާބަ ނުދިނުމުން، ގައުމުތަކަށް ޓްރަމްޕް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
ވައިޓްހައުސްގެ އީސްޓް ރޫމްގައި ބޭއްވި ހަނގުރާމައާބެހޭ ޕްރެސް ބްރީފިންގައި ޓްރަމްޕް ބުނީ، އެމެރިކާއަށް “އެއްވެސް ބައެއްގެ އެހީ ބޭނުންނުވާ” ކަމަށާއި، އެމެރިކާއަކީ “އެންމެ ބާރުގަދަ” ގައުމު ކަމަށެވެ.
ޓްރަމްޕް ބުނީ، ހޮޒްމޫޒު ކަނޑުއޮޅި ހުޅުވަން ގައުމުތަކުގެ އެހީއަށް އޭނާ އެދުނީ، ގައުމުތަކުން ދޭ ޖަވާބުތައް ދެނެގަތުމަށް ކަމަށެވެ.
ޓްރަމްޕް އިހަށްދުވަހު ތަކުކާރުކޮށް ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުން އެމެރިކާއަށްވުރެ ބޮޑަށް ފައިދާކުރާނީ އެހެން ގައުމުތަކަށް ކަމަށެވެ. އެހެންވެ، އެމެރިކާއަށް އެހީވާން މަނަވަރުތައް ފޮނުވައި ދިނުމަށް އެދި ޓްރަމްޕް ބައެއް ގައުމުތަކުގެ ނަންތައްވެސް ހާމަކުރިއެވެ.
އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން އެމެރިކާއިން އެކުލަވާލާ ކޯލިޝަން ވަރަށް އަވަހަށް އިއުލާން ކުރާނޭ ކަމަށްވެސް، ޓްރަމްޕްގެ ސަރުކާރުން އިއްޔެ ބުންޏެވެ.
އެހެން ނަމަވެސް، އެއްވެސް ގައުމަކުން އެކަމުގައި ބައިވެރިވާން އަދި އެއްބަސްވެފައި ނުވާއިރު، ބައެއް ގައުމުތަކުން ވަނީ އަސްކަރީ ކޯލިޝަންގައި ބައިވެރިވެވެން ނެތްކަމަށް އަންގާފައެވެ. ބައެއް ގައުމުތަކުން އެއްވެސް ޖަވާބެއް ނުދެއެވެ.
އިޓަލީ، ސްޕެއިން، ޖަޕާން، ނޯރވޭ، ކެނެޑާ، އޮސްޓްރޭލިއާ، ސްވިޑަން، ލަގްޒަމްބާރގް، ޖަރުމަނީން ހޮރްމޫޒަށް މަނަވަރުތައް ފޮނުވެން ނެތްކަމަށް އަންގާފައި ވާއިރު، ޗައިނާ، ޔޫކޭ، ނެދަރލޭންޑްސްއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ދެކުނު ކޮރެއާއިން އެމެރިކާއަށް ޔަގީންކަމެއް ދީފައި ނުވާއިރު، ފްރާންސުން އަދި ގޮތެއް ނުނިންމައެވެ.
ދެކުނު ކޮރެއާގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ލީ ކިޔު-ޔިއޮން ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން މަނަވަރުތައް ފޮނުވުމަކީ ސަރުކާރުން ވަރަށް ފުންކޮށް ވިސްނައި މަޝްވަރާ ކުރުމަށް ފަހުގައިނޫނީ ކުރެވޭނޭ ކަމެއް ނޫން ކަމަށާއި، ޓްރަމްޕްގެ ރިކުއެސްޓަށް މިވަގުތު ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ.
ޓްރަމްޕްގެ ގޮވާލުމަށް ޔޫރަޕްގެ ލީޑަރުން ނޫނެކޭ ބުނެފައިވާއިރު، އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ވިދާޅުވީ، ހޮރްމޫޒު ހުޅުވަން ލަޝްކަރުތައް ފޮނުވައި ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ވިސްނުމެއް އީޔޫގެ ނެތް ކަމަށެވެ.
އެމެރިކާގެ ހަނގުރާމައިގެ މަތިންދާ ބޯޓުތައް ސްވިޓްޒަރލޭންޑްގެ ވައިގެ ސަރަހައްދުން ދަތުރުކުރުން އެގައުމުން މަނާކޮށްފައި ވާއިރު، އީރާނަށް ހަމަލާދޭން ސްކޮޓްލެންޑްގެ އެއަރޕޯޓްތައް ބޭނުންކުރުން އެގައުމުންވެސް ވަނީ މަނާކޮށްފައެވެ.
އަންނަމަހު ޗައިނާއަށް ކުރަން ހަމަޖެހިފައިވާ ދަތުރު ފަސްކުރަން ވިސްނާކަމަށް ޓްރަމްޕް ދެތިންފަހަރު ބުނެފައިވާއިރު، މިއީ ހޮރްމޫޒަށް މަނަވަރުތައް ފޮނުވައިދޭން އެދުނު އެދުމަށް ޗައިނާއިން ޖަވާބެއް ދީފައިނުވާތީ ދައްކާ ވާހަކަތަކެއް ކަމަށް މީޑިއާއިން ބުނެއެވެ. ޓްރަމްޕް ޗައިނާއަށް ދަތުރެއް ކުރަން ހަމަޖެހިފައިވާކަމެއް ޗައިނާއިން ހާމައެއް ނުކުރެއެވެ.
އެމެރިކާގެ އެންމެ ގާތް ބައިވެރިންގެ ގޮތުގައި ތިބި އީޔޫގެ ގައުމުތަކާއި، އެމެރިކާ އަސްކަރީގޮތުން ބޮޑެތި އެހީތައްވާ ޖަޕާން، ދެކުނު ކޮރެއާފަދަ ގައުމުތަކުން ނޫނެކޭ ބުނުމުން ދެރަނުވާންވެގެން އެމެރިކާގެ ރައީސް ބުނީ، އެމެރިކާއަށް އެހީވާން އެތައް ގައުމެއް “އައުމުގެ މަގުމަތީގައިވާ” ކަމަށެވެ. އެކަމަކު އެއްވެސް ގައުމެއްގެ ނަމެއް ހާމައެއް ނުކުރެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމޫޒު ކަނޑުއޮޅި ނުހުޅިގެން ތެޅިފޮޅެމުންދާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އިއްޔެވަނީ، ދުނިޔޭގެ ކުރިމަތީގައި އެމެރިކާއާއި، އެމެރިކާގެ ރައީސް ބޭޒާރުކޮށްލާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
އައްބާސް އަރަޣްޗީ ވިދާޅުވީ، ހޮޒްމޫޒު ކަނޑުއޮޅި “ބަންދު” ވެފައިވަނީ އެމެރިކާއަށާއި، އިސްރާއީލަށާއި އަދި އީރާނާ ދެކޮޅަށް އުދުވާނު ހިންގުމުގައި ބައިވެރިވާ ގައުމުތަކަށް އެކަނި ކަމަށާއި، ހޮރްމޫޒު ކަނޑުއޮޅި އެހެން ހުރިހާ ގައުމަކަށް ހުޅުވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު