އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ އިން ހަމަޖައްސައިފިއެވެ.
އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް އިއްޔެ ގެނައި ބަދަލު މުރާޖައާކުރުމަށްފަހު އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ‘ފަހިހަކަތަ’ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ދެމިއޮންނާނެ ކަމަށެވެ.
“މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ،” އެސްޓީއޯ އިން ނެރުނު ބަޔާނުގައިވެއެވެ.
އެސްޓީއޯ އިން ބުނީ، މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ޑީސަލުގެ އަގު އަންނަނީ އިންތިހާ އަށް ބޮޑުވަމުންނެވެ. މިކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ރާއްޖޭގައި ތެލުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު