ބުޅަލަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުން އަދި އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތި މަގުމައްޗަށް ބުޅާ ދޫކުރާ މީހުން، ޖަލަށްލުމާއި ޖޫރިމަނާކުރުން ފަދަ ގާނޫނުގައިވާ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.
ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މިހާރަކަށް އައިސް ރާއްޖޭގައި ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް މިމިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. މި ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް އެ ތަނުން ބުންޏެވެ.
މިނިސްޓްރީން ބުނީ، މިދިޔަ ޑިސެމްބަރުގައި ތަސްދީގުކުރި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަކެއްޗަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
“މި ހައްގުތަކަކީ މިހާރު ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ދީފައިވާ ކަންކަމެވެ. އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލާ ދޫކޮށްލާ ފަރާތްތަކާ މެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ވާހަކަ ދަންނަވަމެވެ،” މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު