އަހަރުގެ ފުރަތަމަ ދެ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިިދިޔަ ދެ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 422.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 257.9 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %63.7 ގެ އިތުރުވުމެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، މިދިޔަ ދެ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަށްވެސް ވަނީ މިއަހަރު ކުރިއެރުންތަކެއް ލިބިފައެވެ. މިދިޔަ ދެ މަހުގެ ތެރޭގައި ރާއްޖެއަަށް 474,920 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރާތްކުރީ 430,356 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %10.4 ގެ އިތުރުވުމެކެވެ.
މިދިޔަ ދެ މަހުގެ ތެރޭގައި ދުވާލަކަށް އެވްރެޖްކޮށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު 6000 ހުން މަތީގައި އުޅުނިކަމުގައިވީނަމަވެސް މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިހާރު މި އަދަދު އުޅެނީ 4000 ގައެވެ. އެއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ 30 އިންސައްތަ މެދުއިރުމަތީގެ މަގުން ޒިޔާރާތްކުރުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ހިޔާލު