ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިއާރްޖީސީ ޓްރަމްޕަށް: ކެރެންޏާ ހޮރްމޫޒަށް މަނަވަރުތައް ނިކަން ފޮނުވަބަލަ

އައިއާރްޖީސީގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަލީ މުހައްމަދު ނައީނީ: ފޮޓޯ ތަސްނިމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކެރެންޏާ އެމެރިކާގެ ހަނގުރާމައިގެ މަނަވަރުތައް ހޮރްމޫޒް ކަނޑުއޮޅިއަށް ފޮނުވުމަށް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯ – އައިއާރްޖީސީން ޓްރަމްޕަށް ގޮވާލައިފިއެވެ.

އައިއާރްޖީސީން މިކަމަށް މި ގޮވާލީ، އީރާނުގެ ކަނޑުގެ ސިފައިންގެ މުޅި ފްލީޓް އެމެރިކާ ސިފައިން ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވާ ބުނުމަށް ރައްދުދެމުންނެވެ.

އައިއާރްޖީސީގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަލީ މުހައްމަދު ނައީނީ ވިދާޅުވީ، އީރާނުގެ ކަނޑުގެ ސިފައިންގެ ހުރިހާ މަނަވަރުތައް ހަލާކުކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ބުނެފައިވާ ކަމަށާއި، އެހެންކަމުން ޓްރަމްޕަށް ކެރެންޓާ އެމެރިކާގެ ހަނގުރާމައިގެ މަނަވަރުތައް ނިކަން ހޮރްމޫޒު ކަނޑުއޮޅިއަށް ފޮނުވުމަށެވެ.

އެމެރިކާ ސިފައިން ހަމަލާދީ، އީރާނުގެ ބަނދަރެއްގައި ހުރި އަސްކަރީ މަނަވަރުތަކެއް ހަލާކު ކޮށްލިޔަސް، އީރާނު ކަނޑުގެ ސިފައިންގެ ގާބިލްކަމެއް އެމެރިކާއަށް ނައްތާނުލެވޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ހޮރްމޫޒު ކަނޑުއޮޅި މިހާރުވެސް އޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، ހޮރްމޫޒްގެ ކޮންޓްރޯލް ނެގުމަށް ހިންގާ އުދުވާނުތަކާ އީރާނު ކުރިމަތިލާނީ ފުރިހަމަ ބާރުގައި ކަމަށްވެސް، އައިއާރްޖީސީގެ ތަރުޖަމާނު ވިދާޅުވިއެވެ.

އީރާނުގެ ކަނޑުގެ ސިފައިން ހޮރްމޫޒު ކޮންޓްރޯލް ކުރުމާއި، ކަނޑުމަތީގެ އޮޕަރޭޝަންސްތައް ހިންގުމުގައި ހަމައެކަނި އަސްކަރީ މަނަވަރުތަކަށް ބަރޯސާ ނުވާކަން ރިޕޯޓްތަކުން ހާމަވެފައި ވެއެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި، މިސައިލް ހަރުކުރި އަދި މީހަކާ ނުލައި ގޮސް ހަމަލާދޭ ބާރު ސްޕީޑްގައި ދުވާ ކުދި އުޅަނދުތަކުގެ ފައުޖެއް އޮވެއެވެ. ދުޝްމަނުންނަށް ހަމަލާ ދިނުމަށް އީރާނުން ބޭނުން ކުރަނީ މި ބޯޓުތަކެވެ.

އީރާނުގެ އެންގުމާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން އުޅުނު 18 ތެޔޮ ޓޭންކަރާއި، އާގުބޯޓު ފަހަރަށް އީރާނުން ހަމަލާދީފައިވަނީވެސް މިފަދަ އުޅަނދުތަކުން ފޮނުވާލާ މިސައިލާއި އަދި ޑްރޯން ބޭނުންކޮށްގެންނެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި “ބަންދު” ކުރުމުން އެމެރިކާގެ ރައީސް ޓްރަމްޕް އުޅުނީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ހިމާޔަތް ދީގެން ތެޔޮ ޓޭންކަރުތައް ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭގޮތް ހެދުމަށެވެ. އެމެރިކާގެ ހަނގުރާމައިގެ ވަޒީރުވެސް އެކަން ކުރާނޭ ކަމަށް ވައުދުވެ ޔަގީންކަން ދިނެވެ. އެކަމަށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަތަރުވަނަ ލަޝްކަރެއްވެސް ސަރަހައްދަށް އައުމަށް ދަތުރުފެށިއެވެ.

އީރާނުން ބުނަމުންގެންދަނީ، އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި އެއްވެސް ތެޔޮ ޓޭންކަރަކަށް ހޮރްމޫޒު ކަނޑުއޮޅި ހުރަސް ނުކުރެވޭނޭ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރު ކުރެވޭނީ އީރާނުން ހުއްދަދޭ ގައުމުތަކުގެ ޓޭންކަރުތަކަށް އެކަނި ކަމަށެވެ.

އީރާނުން ދެމުންގެންދިޔަ އިންޒާރުތައް ބޮލާލާޖަހައި އެމެރިކާ އުޅުނީ ގަދަބާރުން އެ ކަނޑުއޮޅި ހުޅުވާލުމަށެވެ.

ނަމަވެސް، އީރާނުން ހޮރްމޫޒު ކަނޑުއޮޅީގެ ކަނޑުއަޑީގައި މައިން އަޅާފައިވާ ކަމުގެ ރިޕޯޓްތައް ފެތުރި، އަދި އީރާނު ކަނޑުގެ ސިފައިން އެމެރިކާގެ މަނަވަރުތައް ފައްތާލާނޭކަން ޔަގީންވުމުން ޓްރަމްޕް ވަނީ އެކަން ކުރަން ފަސްޖެހިފައެވެ.

އެމެރިކާގެ ރައީސް އިއްޔެ ވަނީ، ހޮރްމޫޒު ކަނޑުއޮޅިން މަންފާލިބޭ ހުރިހާ ގައުމުތަކުން އަސްކަރީ މަނަވަރުތައް ފޮނުވައި ދިނުމަށް ގޮވާލާފައެވެ. ޓްރަމްޕް ބުނީ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލެވުމުން ފައިދާކުރާނީ އެމެރިކާއަށް އެކަނި ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޚަރްޖަށް ހަމަލާދިން މިސައިލްތައް އައީ ޔޫއޭއީން: އާންމުން ދުރަށްދާން އީރާނުން އަންގައިފި

ހަމަލާދިނަސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ނުހުއްޓޭ، އީރާނު މިކަމުން އަރައިގަންނާނެ: އީރާނުގެ ރައީސް

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ