ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމް ގާއިމްކޮށް ނިންމާލައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ބ. ކުޑަރިކިލުގައި 350.9 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމާއި، 300 ކިލޯވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލުކޮށް ނިމިފައިވާ ކަމަށެވެ. މިއާއެކު ކުޑަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ.
މިމަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 165,189 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢަކީ، އެ ރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑުގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
ކިޔުންތެރިންގެ ހިޔާލު