އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން މަރުވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާއާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރުމުގެގޮތުން ފުލުހުން ވަނީ މިރޭ ބަޔާނެއް ނެރެފަ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މި ހާދިސާގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ ރޭ ދަންވަރު 01:57 ހާއިރުކަމަށެވެ. އަދި އެވަގުތުން ފެށިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އޭރު އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔަ ކަމަށާއި އެތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ވަންނަން ޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ ދޮރު އެކަންޏެވެ.
އެ ރަށު ކައުންސިލުން ބުނާގޮތުަގައި އެކޮމޮޑޭޝަން ބްލޮކުގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ.
މި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު