އައްޑޫ ސިޓީގެ ތަރައްގީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޮތީ ތައްޔާރަށްކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް “ސްޕައިޕް” އައްޑޫ ސިޓީއަށް ތައާރަފުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އައްޑޫގައި ގެދޮރު ހެދުމަށް، އެއްވެސް ރަހުނަކާ ނުލައި މިހާރު ތިން މިލިއަން ރުފިޔާގެ ލޯނު، ބީއެމްއެލްއިން ލިބެން ހުންނާނެ ކަމަށެވެ.
“ގައުމީ ބޭންކުގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މެންޑޭޓަކީ މިފަދަ މާލީ ހިދުމަތްތަކާއެކު ދިވެހި ރައްޔިތުންގެ އިގްތިސޯދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެހީތެރިވުން. ގައުމީ މަސްލަހަތު އޮންނަ މުހިންމު ކަންތައްތަކަށް އިސްލާހީ ބަދަލުތައް ގެންނަމުން އަންނަނީ، އެއީ ރައްޔިތުންގެ ފަރާތުން އަންނަ ބޭނުންތަކަށް ވާތީކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރައްވާނެ. ބޭންކުގެ ދައުރަކީ އެ ބޭނުމަށް އަމާޒުކޮށް، ވިޔަފާރީގެ ގޮތުން ދެމެހެއްޓެނިވި އަދި ޒިންމާދާރު ޕްރޮޑަކްޓްތައް ފަރުމާކުރާ މާލީ އިންޖީނެއްގެ ގޮތުގައި ހަރަކާތްތެރިވުން. އެހެންކަމުން، އަޅުގަނޑުމެން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ގެނައި ހެޔޮ ބަދަލުތަކަކީ، ގައުމީ ފެންވަރުގެ ސިޔާސަތުން ފާހަގަކޮށްފައިވާ، މާކެޓުގެ ބޭނުންތަކަށާއި މުޖުތަމައުގެ މިހާރު މިއޮތް ހާލަތަށް ސީދާ އަމާޒުކޮށްގެން އެކަމަށް ގައުމީ ބޭންކުގެ ހައިސިއްޔަތުންދޭ އިޖާބައެއް” ޝަރީފް
ޝަރީފު ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި މަސައްކަޔް ކުރާ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް ބީއެމްއެލުންވަނީ ތައާރަފުކޮށްފައި ކަމަށެވެ. އަދި އައްޑޫގައި ގެސްޓްހައުސްގެ ވިޔަފާރި ފެށުމަށް ބޭނުންވާ މީހުންނަށްވެސް ބީއެމްއެލުން މާލީ އެހީތެރިކަން ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
“ބޭންކު މި އޮތީ ހުރިހާ ގޮތަކުން ވެސް އައްޑޫގެ ތަރައްގީއަށްޓަކައި އެހީތެރިވުމަށް. މިކަމަށްޓަކައި ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުން. ތިޔަ ބޭފުޅުންގެ ބެންކް އަބަދުވެސް އޮންނާނީ ތައްޔާރަށް،” ޝަރީފު ވިދާޅުވިއެވެ.
އައްޑޫގައި ބީއެމްއެލްގެ 67 މުވައްޒަފުން އެބަތިބި ކަމަށާއި، މާލެ ފިޔަވައި، އެއް އަތޮޅެއްގައި އެންމެ ގިނަ ބްރާންޗާއި އޭޓީއެމް އަދި ކޮންޓެކްޓް ސެންޓަރެއް ހުންނަނީ އައްޑޫގައިކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި މާލޭގައި ހުންނަ ބީއެމްއެލްގެ އޮފީސްތަކުގައިވެސް އައްޑޫގެ ރައްޔިތުން ގިނަ އަދަދަކަށް މަސައްކަތް ކުރާކަން ޝަރީފު ފާހަގަކުރެއްވިއެވެ.
“މާލޭގައި ވެސް މި ސިޓީ އަށް ނިސްބަތްވާ 140 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރައްވާ. އަދި ބޭންކުގެ ސީނިއާ މަގާމުތަކުގައި އައްޑު އަށް ނިސްބަތްވާ މުވައްޒަފުން ގިނަކަން ވެސް ފާހަގަކުރަން.” ޝަރީފު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ޑިވެލޮޕްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އައްޑޫގެ ޑިވެލޮޕަރުން ކަމަށެވެ.
މާލެ އިން ބޭރުގައި ބީއެމްއެލްގެ ފުރަތަމަ ބްރާންޗެއް ހުޅުވީވެސް އައްޑޫގައި ކަމަށާއި، އެއީ މިގެ 42 އަހަރު ކުރިންކަމަށް ޝަރީފު ވިދާޅުވިއެވެ. އެއިރު އައްޑޫގައި، ބީއެމްއެލްގެ ބޭންކިން ހިދުމަތް ފެށިއިރު އަމިއްލަ ވިޔަފާރިތަކާއި، ފަރުދުންގެ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ލިބުމާއި ފައިސާ ރައްކާކުރުމުގެ ފުރުސަތު ނެތްކަމަށް ޝަރީފު ވިދާޅުވިއެވެ.
އެހެންކަމުން ބީއެމްއެލްގެ ވެގެން ދިޔައީ އައްޑޫގެ ވިޔަފާރިތަކާއި، ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިން މިތުރަކަށްކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ޑިޖިޓަލް އާ ޒަމާނަކަށް ރާއްޖެ ވާސިލްކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝަރީފު ވިދާޅުވީ ޑިޖިޓަލް އިގްތިސޯދެއް ގާއިމް ކުރުމަށް އޮތް އެންމެ މުހިންމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ސުވައިޕްއަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމެއް އޮންނައިރު ފަތުރުވެރިންނަށް އަމާޒުކޮށް ސްވައިޕް ތައާރަފްކޮށްފައިވަނީ، ހަމަ އެފެންވަރުގެ ފައިނޭންޝަލް ޕްރޮޑަކްޓްތައް ރާއްޖޭގައި އޮތުން މުހިންމު ކަމަށްދެކޭތީކަމަށް ޝަރީފު ވިދާޅުވިއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ވޮލެޓްކަމަށް ޝަރީފު ވިދާޅުވިއެވެ.
ފަތުރުވެރިން އެހެން ވޮލެޓުތަކާއި ކްރެޑިޓް ކާޑުތަކުން މިހާރު ފައިސާ ދައްކާއިރު، 2.5 ޕަސަންޓް މަތިން ކޮމިޝަން ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ހަދާ މުއާމަލާތްތަކުން ނަގާނީ އެންމެ ޕަސަންޓެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު