އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ސަރަހައްދެއްގައި ހުރި މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން އެބަ ދެއެވެ.
އަލިފާން ރޯވެ އަނދަމުންދަނީ ނިއުދިއްލީގެ ހުޅަނގުން އޮންނަ އުއްތަމް ނަގަރުގެ މައްޗްލީ މަންދީ މަސް މާރުކޭޓްގައި ކަމަށް ވެއެވެ.
އަލިފާން ނިއްވާ ޓީމުތަކުން ގެންދަނީ އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަލިފާންގަނޑު ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިގެން ގޮސްފައިވާކަން ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތަކުން އެނގެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އިންޑިއާ ސަރުކާރާއި، ސްޓޭޓް ސަރުކާރާއި އަދި ސަލާމަތީ އެއްވެސް ބާރަކުންވެސް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.
އެހެން ނަމަވެސް، މިހާދިސާގެ ވީޑިއޯތަކާއެކު ސޯޝަލް މީޑިއާގައި އެކި ޚަބަރުތައް ވައިރަލްވަމުން އެބަދެއެވެ.
އެފަދަ ބައެއް ވީޑިއޯތަކުގައި ބުނަނީ، މިއީ އިންޑިއާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕަކުން ކާރުޚާނާއަކަށް ދިން ހަމަލާއެއް ކަމަށާއި، ހަމަލާ ދެވުނު ކާރުޚާނާއަކީ އިންޑިއާ ސަރުކާރާއި އިސްރާއީލުން ހަނގުރާމައިގެ ޑްރޯން އުފެއްދުމަށް ބޭނުންކުރާ ކާރުޚާނާއެއް ކަމަށެވެ.
ކާރުޚާނާއަށް ހަމަލާދީ ގޮއްވާލިއިރު، އެތަނުގައި 50 ވަރަކަށް މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ އަދި އިސްރާއީލު މީހުން ކަމަށްވެސް، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކުގައި ބުނެފައި ވެއެވެ.
މިއީ އީރާނަށް ތާއީދުކުރާ މީހުން ދިން ހަމަލާއެއް ކަމަށް، އިންޑިއާގެ ބައެއް މީޑިއާތަކުން ތުހުމަތު ކުރަމުންދާ ކަމަށްވެސް ކަށަވަރު ނުވާ ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު