އީރާނުގެ ސްކޫލަށް އެމެރިކާ ސިފައިން ވައިގެ ހަމަލާ ދިންކަމެއް ނޭނގޭ ކަމަށް، އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ބުނެފިއެވެ.
އީރާނުގެ މިނާބްގައި އަންހެން ދަރިވަރުން ތައުލީމު ހާސިލްކުރާ ޝަޖާރާ ތައްޔިބާ ޕްރައިމެރީ ސްކޫލަށް ބޮން އެޅުމުގެ ސަބަބުން 175 މީހުން މަރުވިއިރު، އޭގެ ތެރޭގައި ސަތޭކަ އެތައް ދަރިވަރުން ހިމެނެއެވެ.
މާޗް 1 ވަނަ ދުވަހު އެ ސްކޫލަށް ބޮންއެޅީ އެމެރިކާ ސިފައިން ކަމަށް، އެ ހަމަލާ ދިރާސާކުރި ފަރާތްތަކުން ބުނެފައި ވާއިރު، އެ ސްކޫލަށް އަރާފައިވަނީ އެމެރިކާގެ ޓޮމަހޯކް މިސައިލެއްކަން، އެމެރިކާގެ އަސްކަރިއްޔާއިން ބެލި ބެލުންތަކުންވެސް ހާމަވެފައި ވެއެވެ. އަދި އެކަން ހިނގާފައިވަނީ ހެދުނު ގޯހަކުން ކަމަށްވެސް ނިންމާފައި ވެއެވެ.
މިކަމުގެ ހޫނު ބަހުސްތަކެއް އެމެރިކާއާއި ދުނިޔޭގައި ހިނގަމުންދާއިރު، އެކަމުގެ ޒިންމާ އުފުލަންތޯ ނޫސްވެރިން ސުވާލު ކުރުމުން ފްލޮރިޑާގައި ހުރެ ޓްރަމްޕް ތަކުރާރުކޮށް ބުނީ، އެމެރިކާ ސިފައިން އީރާނުގެ ސްކޫލަށް ހަމަލާ ދިންކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.
އެކަމަކު، ކުރިން ދުވަހެއްގައި އެއަރފޯސް ވަންގައި ނޫސްވެރިން އެ ސުވާލު ކުރުމުން ޓްރަމްޕް ބުނެފައިވަނީ، ސްކޫލަށް ހަމަލާ ދިނީ އީރާނުން އަމިއްލައަށް ކަމަށެވެ. އެއްވެސް ހެއްކެއްނެތި ޓްރަމްޕް ގެންދަނީ އީރާނުގެ ބޮލަށް ހުރިހާކަމެއް ކަނޑާލަމުންނެވެ.
އިންސާނީ ހައްގުތަކުގެ ވާހަކައާއި، ކުޑަކުދިންގެ ހައްގުތަކާއި، އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކާއިރު، އީރާނުގެ އަންހެން ދަރިވަރުން ކިޔަވާ ޕްރައިމެރީ ސްކޫލަށް ދިން އުދުވާނީ ހަމަލާ ދުނިޔެއިން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.
އަދި ކަމުގެ ސަބަބުން އެމެރިކާއަށް ބޮޑެތި ފާޑުކިއުންތައްވެސް އަމާޒުވަމުން އެބަ ދެއެވެ.
ހަމަލާތައް ދެމުން ގެންދަނީ އީރާނުގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކުގެ ސައިޓްތަކާއި، އީރާނުގެ ވެރިންނާއި، އަސްކަރިއްޔާގެ ތަންތަނަށް ކަމަށް އެމެރިކާއާއި އިސްރާއީލުން ތަކުރާރުކޮށް ބުނި ނަމަވެސް، އީރާނުގެ ސްކޫލްތަކަށް ތަކުރާރުކޮށް ގެންދަނީ ހަމަލާތައް ދެމުންނެވެ.
އަދި ހޮސްޕިޓަލްތަކަށާއި، ކަރަންޓު ވިއުގަތަކަށާއި، ފެނުގެ ވިއުގަތަކަށާއި، ރައްޔިތުންނާ ގުޅުންހުރި އެތައް ތަނަކަށް އެމެރިކާއާއި އިސްރާއީލުން ގެންދަނީ އުދުވާނީ ހަމަލާތައް ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު