ރާއްޖެއަށް ބޭސް ގެނައުމަށް ހާއްސަކޮށް މިދިޔަ އަހަރު އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ބޭސް އެތެރެކޮށް ރަށްރަށަށް ފޯރުކޮށްދޭން ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ކުންފުނީގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ބައެއް ބާވަތުގެ ބޭސް އެތެރެކޮށް ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ މަސައްކަތުގެ ތަފުސީލު ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޭހަށް ވަކި ހާއްސަ ކުންފުންޏެއް ހެދުމުގެ އެންމެ ބޮޑު ފައިދާއަކީ ބޭސް ލިބުމުގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ހަމައެކަނި އެ ކަމަށް ހުސްވެގެން ތިބޭ ބަޔަކު ތިބުން ކަމަށާއި އެކަމުގެ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު 9 ގައި އުފެއްދި މި ކުންފުނީގެ މަސައްކަތް ނުފެށި ހަ މަސް ހޭދަވީ، ކުރިން އެސްޓީއޯއިން ކުރަމުން އައި ބޭހުގެ ހުރިހާ މަސައްކަތެއް އާ ކުންފުންޏަށް ބަދަލުކުރުމުގެ މަރުހަލާ ދިގުލައިގެން ދިޔުމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ވަނީ ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު