ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގައި، ޓަރމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މި މަޝްރޫޢުގެ ފޭސް 1ގެ ބައެއް މަސައްކަތްތައް މިދިޔަ މަހު ވަނީ ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައެވެ.
މިއީ މާލެ ސަރަޙައްދަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން، އިޤްތިޞާދީ ދާއިރާއިން ކުރިއަށްގެންދެވޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. 40 އަހަރުވީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ކުރީ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، ސިނާޢީ މަސައްކަތަށް މި ސަރަޙައްދުގައި ޚާއްސަ ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަލަށް ތަރައްޤީކުރާ ވިޔަފާރި ބަނދަރާއެކު، ވިޔަފާރި ބަނދަރުގެ ޖާގަ 4 ގުނަ އިތުރުކޮށް ބޮޑުކުރާނެއެވެ.
އެކަމަށް ބޭނުންވާ ބިން ހަމަޖައްސާ، އެމްޕީއެލްއިން މިހާރު ވަނީ ތިލަފުށީގައި ތައްޔާރީތައް ފަށާފައެވެ. މިހާރު މިވަނީ “ލޯކަލް ހަރބަރ ރިލީފް ޕްރޮޖެކްޓް”ގެ ދަށުން ބަނދަރަށް ބޭނުންވާ ފެސިލިޓީތައް ތަރައްޤީކުރުމަށް ބޭނުންވާ ޑީޓެއިލް ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފައެވެ. މިކަމަށް ކުރިމަތިލުމަށް ބޭރުގެ އަދި ދިވެހި ތަޖުރިބާކާރު ކުންފުނިތަކަށް ވަނީ ހުޅުވާލާފައެވެ.
ޑީޓެއިލް ޑިޒައިންތައް ތައްޔާރުކޮށްދިނުމަށް އިޢުލާނުކޮށްފަވަނީ:
• ޕޯޓުގެ މައި ޓަރމިނަލް
• ކޮންޓެއިނަރ ޔަރޑް، ސްޓޯރޭޖް އޭރިއާ
• އިދާރީ އޮފީސް އިމާރާތް
• ކޮންޓްރޯލް ޓަވަރ
• ގޭޓް ކޮމްޕްލެކްސް
• ވޯކްޝޮޕް، މެއިންޓަނަންސް ފެސިލިޓީ
• ސްޓާފް ސަޕޯޓް ފެސިލިޓީ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 25 ވަނަ ދުވަހުގެ 13:00އެވެ.
މިއީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށް ފަސޭހަވާނެހެން ފަރުމާކުރެވޭ ބަނދަރެކެވެ. މި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ މާފަންނު ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެ ކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ބަދަލުތަކާއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމުން، މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހައި ބަދަލުތަކާއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު