އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފިއެވެ. އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އޭނާގެ ބައްޕާފުޅު، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.
އީރާންގެ ދީނީ އަދި ސިޔާސީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޢައްޔަން ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ދަށުން، އެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގެ ބާރު މަތިކޮށްފައިވާ 88 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ. އުމުރުފުޅުން 56 އަހަރުގެ މުޖްތަބާއަކީ 1979 ގެ އިސްލާމީ އިންޤިލާބަށްފަހު އީރާނުގެ ޒަޢާމަތާ ޙަވާލުވެވަޑައިގަންނަވާ ތިންވަނަ ބޭފުޅާއެވެ. އީރާންގެ ދައުލަތުގެ މީޑިޔާއިން ބުނީ، ރޫހީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޢައްޔަން ކޮށްފައި ވަނީ ޢާއިލީ ވާރުތަވެރިކަމަށް ވުރެ ބޮޑަށް، ޤާނޫނީ އިޖުރާތުތަކުގެ ތެރެއިން ކަމުގައެވެ. ނަމަވެސް، މުޖްތަބާ އަކީ ގިނަ ދުވަސްތަކެއް ވަންދެން މި މަޤާމަށް ޢައްޔަންކުރާނެ ކަމަށް ބެލެވުނު، އީރާނުގެ ސިޔާސީ މަސްރަޙްގައި ނުފޫޒުގަދަ ބޭފުޅެކެވެ.
އީރާންގެ އެންމެ މަތީ ވެރިޔާގެ މަޤާމާ މުޖްތަބާ ޙަވާލުވެވަޑައިގަންނަވާފައި މި ވަނީ އޭނާގެ ޙަޔާތްޕުޅު އެފުށްމިފުށަށް ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި އޭނާގެ ބައްޕާފުޅުގެ އިތުރުން ޢާއިލާގެ ގިނަ މެންބަރުންތަކެއް ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އޭނާގެ އަނބިކަނބަލުން، ޛަހްރާ ޙައްދާދް-ޢާދިލްގެ އިތުރުން މަންމާފުޅު އަދި އުޚްތުންނާއި ޢާއިލާގެ އެހެން މެންބަރުން ހިމެނެއެވެ. މުޖްތަބާގެ އަނބިކަނބަލުންނަކީ އީރާންގެ މަޝްހޫރު ސިޔާސީ ޝަޚުސެއް ކަމުގައިވާ ޣުލާމް-ޢަލީ ޙައްދާދް-ޢާދިލްގެ ދަރިކަނބަލުންނެވެ.
ކިޔުންތެރިންގެ ހިޔާލު