ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިން ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކޮށްފި

fsm

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަ ކަމާއިއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން 3 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މި ސަރުކާރު ވެރިކަމާއި ޙަވާލުވީއިރު މަސްވެރިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް އޮތެވެ. އޭގެތެރެއިން އެއް ޝަކުވާއަކީ، އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމަށް ނިންމަވާފައެވެ. މި ސްޓޯރޭޖުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެފްއެސްއެމްގެ ފިއުލް ސްޓޯރޭޖް ހުޅުވީ، 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ.ދުވާފަރުގައެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރ ޝިޕްލާ އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޭޝަން ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް ޤާއިމުކުރުން ކަމަށެވެ. އެގޮތުން ދުވާފަރުގެ އިތުރުން ހއ. އިހަވަންދޫ އަދި ހދ. ހަނިމާދޫގައި ޤާއިމްކުރި ފިއުލް ސްޓޭޝަންގެ ހުރިހާ މަސައްކަތެއް ނިމި އެތަންތަން ބޭނުން ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

” ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ މަގުފަހިކުރުމުގެ ގޮތުން މި މަސައްކަތުގެ ދަށުން ހއ. އަތޮޅު އަދި ހދގައި މިހާރު ވަނީ ފިއުލް ސްޓޯރޭޖް ޤާއިމްކޮށް ނިމިފައި. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސް އެމް)އިން ވަނީ މި ތަންތަނުގެ އޮޕެރޭޝަންވެސް ފަށާފައި” ޝިފްލާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 18 ފިއުލް ސްޓޯރޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، 4 ވަނަ ފިއުލް ސްޓޭޝަން ހެދުމަށް ހަމަޖެހިފައިވާ ށ. މިލަންދޫގައި މިހާރު އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ.

ފިއުލް ޝްޓޭޝަންތައް ޤާއިމްކުރާ ރަށްތައް:
ރ. ދުވާފަރު
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ގދ. ފަރެސްމާތޮޑާ
ށ. މިލަންދޫ
ނ. މަނަދޫ
ބ. ތުޅާދޫ
ވ. ފެލިދޫ
ތ. ހިރިލަންދޫ
އއ. މަތިވެރި
މ. މުލައް
ދ. ކުޑަހުވަދޫ
ލ. ގަމު
މީގެ އިތުރުން ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެފްއެމްއެސްގެ ޚިދުމަތް މާލޭގެ އިތުރުން މިހާރު ދެމުން އަންނަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނިމާދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފި

Ii

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ރައީސް ހުޅުއްވައިދެއްވައިފި