ދެ އިންތިހާބު އެއްކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދަނީ އިންތިހާބުތަކާ ދިމާކޮށް ކަޑަތައް ނުޖެހޭނެތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މީގެކުރިން ބުނަމުން ގޮސްފައިވަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެ ވިސްނުން މިހާރު ބަދަލުވި ސަބަބާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.
“ވިސްނާލީމަ އަޅުގަނޑަށް ވިސްނުނީ ކުރީ ޒަމާނުގައި މި އޮންނަ ގޮތަކީ އިންތިހާބަށް ކަނޑައެޅިފައި އޮންނަ ވަގުތު. މިއީ ހަމަ އެންމެ ކުރީ ޒަމާނުއްސުރެ އިންތިހާބު ކައިރިވީމަ ރަހަ ދައްކާ ކެންޑިޑޭޓުންނާ އެކި ފަރާތްތަކުން ގޮސް ކޮންމެވެސް މަޝްރޫއެއްގެ ކަޑަ ޖަހާނެ، ބިންގާ އަޅާނެ. ދެން އެ ހިސާބުން ބަހަބަރު ނުވެސް ފެންނާނެ. އަނެއްކާވެސް އަނެއް އިންތިހާބު އަންނަނީ އަނެއްކާ ދާނެ ކަޑަ އާކުރަން. ނޫނީ އާ ކަޑައެއް ޖަހަން އެހެން ކަމެއް ކުރަން ފަށަން އެހެން ކަޑައެއް ޖަހަން،” ރައީސް ވިދާޅުވިއެވެ.
“އާދަ އަށަގަނެފައިވާ ފަރާތްތަކުން އެކަން ކުރަން ބޭނުންވާތީއޭ މި އުޅެނީ އަނެއްކާވެސް މިކަމާ ގުޅިގެން އެއްބަސް ކިޔާފައި ދެކޮޅު ހަދައިގެން”
ރައީސް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ދެ އިންތިހާބު އެއްކޮށްލުމަށްފަހު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށެވެ. އެހެން އެކަން ކުރުމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން ވޯޓުލުމުގައި ބައިވެރިވާ މިންވަރު އިތުރު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި 85.38 ޕަސަންޓް މީހުން ވޯޓުލާފައިވާ ކަމަށެވެ. ދެވަނަ ބުރުގައި 86.58 ޕަސަންޓް މީހުން ވޯޓުލާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖެހިގެން އައި އަހަރުގެ މަޖިލިސް އިންތިހާބުގަ ވޯޓުލީ 78 ޕަސަންޓް މީހުން ކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 88.2 ޕަސަންޓް ވޯޓުލިއިރު ދެވަނަ ބުރުގައި 91.44 ޕަސަންޓް މީހުން ވޯޓުލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ލާފައިވަނީ 78.8 ޕަސަންޓް މީހުންކަމަށް ރައީސް ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 89.22 ޕަސަންޓް މީހުން ވޯޓުލީ ނަމަވެސް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓުލާފައިވަނީ 81.32 ޕަސަންޓް މީހުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 79.85 ޕަސަންޓް މީހުން ވޯޓު ދިންއިރު ދެވަނަ ބުރުގައި ވޯޓުލާފައިވަނީ 87.31 ޕަސަންޓް މީހުން ކަމަށްވިޔަސް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓުލާފައިވަނީ 76.29 ޕަސަންޓް މީހުންކަމަށް ރައީސް ވިދާޅުވިއެވެ.
“ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ. ކޮންމެ ދާއިރާއެއް ރެޕްރެޒެންޓް ކުރުމަށްޓަކައި ހޮވާ މެންބަރުންނަކީ. އެހެންވީމާ އެ މެންބަރުން މި ހޮވާ ހޮވުމުގައި ވޯޓުލާ އަދަދު މަދުވުންތޯ ރަނގަޅީ ގިނަވުންތޯ ރަނގަޅީ. ހަމަ ޔަގީނުންވެސް ގަބޫލުކުރާނީ ގިނަވުން. އެ މެންބަރުން މަޖިލީހަށް ވަޑައިގެން ކުރައްވަނީ ވަރަށް ބޮޑު މަސައްކަތެއް. އަދާކުރަނީ ވަރަށް ބޮޑު ޒިންމާއެއް. ރައްޔިތުންނަށްޓަކައި ބޭނުންވާ ގާނޫނުތައް ފާސްކޮށްދިނުމާ، ގާނޫނުތައް އިސްލާހުކުރުމާ، ސަރުކާރުން ހުށަހަޅާ ބަޖެޓްތައް ފާސްކޮށްދިނުމާ މިފަދަ ކަންތައްތައް ކުރަން” ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު