އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދިނުމާއި ނުދިނުމާމެދު މިއަދު ފެށި ވާހަކަތަކުން ގޮތެއް ކަނޑައެޅިގެން ދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއާއެކު ބާއްވާ ތިންވަނަ ބުރުގެ ވާހަކަތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ބުދަދުވަހު ވަނީ ޖެނީވާއަށް ވަޑައިގެންފައެވެ.
ޖެނީވާއަށް ވަޑައިގެން، ވާހަކަތައް ފެށުމުގެގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ވަނީ އުމާނުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވާފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ދެކެވެނީ ސީދާ ވާހަކަތަކެއް ނޫނެވެ. އެމެރިކާއިން އީރާނާ ވާހަކަ ދައްކަނީ އުމާންގެ ޚާރިޖީ ވަޒީރު މެދުވެރިކޮށެވެ.
އުމާންގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށްފަހު އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ވާހަކަތައް ކާމިޔާބަކާ ހަމައަށް ގެންދެވޭނީ އެމެރިކާއިން ސީރިއަސްވެގެން ކަމަށާއި، އީރާނަށް ބިރު ދެއްކުމުގެ ބަދަލުގައި އެމެރިކާއިން ހަރުދަނާ އަމަލީ ފިޔަވަޅެއް އަޅައިގެން ކަމަށެވެ.
އެމެރިކާއާއެކު ތިންވަނަ ބުރުގެ ވާހަކަތަކަށް ފެށިއިރު، އީރާނުންވަނީ އެއްބަސްވުމެއްގެ ދެލިކޮޕީ އެމެރިކާއަށް ހުށަހަޅާފައެވެ.
މި ދެލިކޮޕީގައި ހިމެނޭ ބައެއް މައުލޫމާތުތައް އަރަބި ޑިޕްލޮމޭޓަކު ވަނީ މީޑިއާއަށް ލީކް ކޮށްލާފައެވެ.
ލީކް ކޮށްލާފައިވާ މައުލޫމާތުގައިވާ ގޮތުން، އީރާނުންވަނީ ޔޫރޭނިއަމް ފައްކާކުރާ މިންވަރު 60 އިންސައްތައިން 3.5 އިންސައްތައަށް މަދުކުރަން ހުށަހަޅާފައެވެ. އެއީ، 2015 ގައި ހުޅަނގުގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމުގައި ކަނޑައަޅާފައިވާމިންވަރާ ގާތް އަދަދެކެވެ.
މީގެއިތުރުން، ޔޫރޭނިއަމް ފައްކާކުރުން 7 އަހަރަށް ހުއްޓާލަން އީރާނުން ހުށަހަޅާފައިވާ އިރު، އެމެރިކާއިން ފިއްތަމުން ގެންދަނީ 10 އަހަރަށް ހުއްޓާލުމަށެވެ.
އެމެރިކާގެ ފަރާތުން އީރާނާ ވާހަކަ ދައްކާ ވިޓްކޮފާއި، ޔަހޫދީ ލޮބީ ގްރޫޕުން ޕްރެޝަރ ކުރަމުންދަނީ ޔޫރޭނިއަމް ފައްކާކުރުން މުއްދަތެއް ނެތްގޮތަށް ހުއްޓާލަން އީރާނު އެއްބަސް ކުރުވުމަށެވެ.
މީގެއިތުރުން، އީރާނުން މިހާރު ފައްކާކޮށްފައިވާ ޔޫރޭނިއަމް އީރާނުން ބޭރަށް ގެންދިއުމާ އީރާނުން ދެކޮޅު ހަދަމުން ގެންދާއިރު، އެމެރިކާއިން ގެންދަނީ އެކަންކުރަން ފިއްތަމުންނެވެ.
ބުރާސްފަތި ދުވަހު ބާއްވާ ވާހަކަތަކުން އެއްބަސްވުމަކާ ހަމައަށް ދިއުމާމެދު ގޮތެއް ނިމޭނޭ ކަމަށް ބެލެވާއިރު، އީރާނާ އިތުރަށް ވާހަކަ ދައްކާނީތޯ ނުވަތަ ހަމަލާތައް ފަށާނީތޯ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ގޮތެއް ނިންމާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ބުނެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އީރާނު ލައްވައި އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން ޕްރެޝަރ ކުރަމުން ގެންދާއިރު، އަނެއްކޮޅުން ގެންދަނީ ހަނގުރާމައިގެ ބެރުދުންމާރި ޖަހައި ފުމެމުންނެވެ.
އީރާނަށް އަސްކަރީ ހަމަލާ ދިނުމަށްޓަކައި ސަރަހައްދަށް ޖަމާކޮށްފައިވާ އެމެރިކާގެ ލަޝްކަރުތައް ތައްޔާރުވެފައި ވާއިރު، ބަހްރެއިނުގައި ތިބޭ އެމެރިކާގެ ކަނޑުގެ ސިފައިންވެސް މިހާރުވަނީ މަނަވަރުތަކާއެކު މާކަނޑަށް ނުކުމެފައެވެ.
ޔޫރަޕްގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި، މެދުއިރުމަތީގައި ގާއިމްކޮށްފައިވާ ބޭސްތަކާއި، އެއަރބޭސްތައްވެސް ފުރިހަމައަށް ތައްޔާރު ވެފައިވާއިރު، އިސްރާއީލަށް ބޮންއަޅާ އިތުރު އެތއް ޖެޓެއް ފޮނުވައި، އިސްރާއީލުވެސް އޮތީ ހަނގުރާމައަށް ތައްޔާރުވެފައެވެ.
އީރާނު ޑިފެންސް ކައުންސިލްގެ ވެރިޔާ އެޑްމިރަލް އަލީ ޝަމްޚާނީ ވިދާޅުވީ، އެމެރިކާއިން އީރާނަށް ކިތަންމެ ކުޑަ ހަމަލާއެއް އަދި ލިމިޓެޑް ހަމަލާތަކެއް ދިން ނަމަވެސް، އެއީ އީރާނާ ދެކޮޅަށް ފަށާ ހަނގުރާމައެއް ކަމަށް އީރާނުން ބަލާނޭ ކަމަށާއި، އެ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެންދާނޭކަން ދަންނަންވާނޭ ކަމަށެވެ.
އަދި ހަމަ އެއާއެކު، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އޭގެ ފުރިހަމަ އަދި ވަރުގަދަ ރައްދުތަކެއްވެސް ފެށިގެންދާނޭ ކަމަށް އަލީ ޝަމްޚާނީ އިންޒާރު ކުރައްވާފައި ވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސާއި، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މިހާރު ގެންދަނީ އީރާނުން ނިއުކްލިއަރ އުފައްދަން މަސައްކަތް ކުރާ ކަމަށާއި، ނިއުކްލިއަރ ބޯ އުފުލުމުގެ ގާބިލްކަން ހުރި ބެލިސްޓިކް މިސައިލް އީރާނުގައި އެބަހުރި ކަމަށާއި، އެ މިސައިލްތަކަކީ އެމެރިކާގެ ބައެއް ހިސާބުތަކާއި ޔޫރަޕްގެ ބައެއް ހިސާބުތަކަށްވެސް ފޯރާވަރުގެ މިސައިލްތަކެއް ކަމަށް ބުނެ، ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރަމުންނެވެ.
ގައުމުތަކަށް ހަމަލާދީ އެގައުމުތަކުގެ ދުވަސް މީގެކުރިން ދުއްވާލި ފަހަރުތަކުގައިވެސް އެމެރިކާގެ ވެރިން މިފަދަ ދޮގު އެތައް ވާހަކަތަކެއް ފަތުރާފައި ވެއެވެ.
މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކާގައި ހުރި އެންމެ ވަރުގަދަ ހަތިޔާރުން އީރާނަށް އެތައް ހަމަލާތަކެއް ދިނުމަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕް ތަކުރާރުކޮށް ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމާ ގުޅުންހުރި ހުރިހާ ތަންތަނެއް ސުންނާފަތި ކޮށްލެވިއްޖެ ކަމަށާއި، އީރާނު އެކަމުގައި ހިންދެމިލުމަށް އެތައް އަހަރެއް ނަގާނޭ ކަމަށެވެ.
އެކަމަކު، މިހާރު ވާހަކަ ދައްކަނީ ދިމާ އިދިކޮޅަށެވެ.
ކިޔުންތެރިންގެ ހިޔާލު