މެޓް އޮފީހުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާތަނަށް އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް 1، 2024 ގަ އެވެ. އެއީ މާލެ ސަރަހައްދަށް 48 ޑިގްރީ ސެލްސިއެސް އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި،ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން މި ހަފުތާގައި ވަނީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފަ އެވެ.
އެގޮތުން މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާއްމުކުރި ރެކޯޑްތައް ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑަށް ހޫނުކަން އިހުސާސްކުރެވޭނީ ހދ. ހަނިމާދޫއަށެވެ. އެއީ 36 ޑިގްރީ ސެލްސިއަސް އެވެ. މާލޭގައި 35.6 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ލ. ކައްދޫގައި ހުރީ 35.5 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އައްޑޫ ގަމުގައި ހުރީ 35.1 ޑިގްރީ ސެލްސިއަސްގަ އެވެ.
މިދުވަސްވަރަކީ އިރުވައި މޫސުމުގެ އެންމެ އަވިގަދަވާ ދުވަސްވަރެވެ. އިރުވައި މޫސުމުގައި ރާއްޖެއަށް އާއްމުކޮށް އެންމެ ބޮޑަށް ހޫނުކަން އިހުސާސްކުރަން ޖެހެނީ ޖެނުއަރީ އިން ޖޫން މަހާ ދެމެދު އެވެ. އަދި އެންމެ ބޮޑަށް ހޫނުވާކަމަށް އަންދާޒާ ކުރެވިފައިވަނީ އޭޕްރީލް މަހު އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން، މިއަދަކީ އިރުވައިގެ ހަވަނަ ނަކަތް ކަމަށްވާ ހިޔަވިހަގެ 12 ވަނަ ދުވަހެވެ. މި ނަކަތުގައި އާއްމުކޮށް ކަނޑުތައް ވަރަށް ބޮޑަށް މަޑުވެ، ވައި ވެސް މަޑުވާނެ އެވެ. އަދި ދުވާލައި ރޭގަނޑު ވެސް ހޫނުވާނެ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެއްވަމުންނެވެ.އެގޮތުން، އެންމެ ހޫނުގަދަވާ ވަގުތުގައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަ ކުޑަ ބޭނުންކުރުމާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ފެން ބުއިމާއި، އަވީގައި އުޅޭ ވަގުތު “ސަންލޯޝަން” ބޭނުންކުރުމުގެ އިތުރުން އަވި އައިނު އެޅުމަކީ މުހިންމުކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު