ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް، ދޫކުރާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ބެހުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭގެފަހުން ރޯދަ ހަދިޔާ ދޫކުރާ މިއީ 3 ވަނަ އަހަރެވެ. މިގޮތުން މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެންނެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި ރޯދަ މަހަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.
މިހާތަނަށް މާލޭ ސަރަޙައްދުގެ 54،000 އަށްވުރެ ގިނަ ގޭބިސީއަށް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކަށް މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެއްޔެއްގައި މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ވިދާޅުވިއެވެ. އެ ވުޒާރާއިން ވަނީ އެކި ސަބަބުތަކާހުރެ މަސްދަޅު ކޭސް ނުނެގިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މަސްދަޅުކޭސް ނެގުމަށް މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ.
މިމަސައްކަތުގެ ދަށުން އެވުޒާރާގެ ޕަބްލިކް ވަރކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި) އަދި ހުޅުމާލެ ފޭސް 1އާއި، ފޭސް 2ގައި ހުންނަ މިފްކޯގެ ފިހާރައިން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނެ ކަމަށެވެ. ރޯދަ ހަދިޔާ ދޫކުރާނީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މަސްދަޅުކޭސް ބެހުމުގެ ކަންކަން ދެން ކުރިއަށްދާނީ ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެއީ މީލާދީގޮތުން ބަލާނަމަ އަންނަ މަހުގެ 4 ދުވަސްއެވެ.
ކިޔުންތެރިންގެ ހިޔާލު