އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިމަތިކުރިޔަސް، އެމެރިކާގެ ކުރިމަތީގައި އީރާނުން ބޯނުލަނބާނޭ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
އީރާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ ރައީސް ވިދާޅުވީ، ކިތަންމެ ޕްރެޝަރެއްކޮށް، ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިކުރިޔަސް، ﷲގެ އިރާދަފުޅާއެކު އީރާނުން އަމާން ނުދޭނޭ ކަމަށެވެ. އީރާނުން ދަމަހައްޓަމުން އަންނަ ގޮތް ބަދަލުކުރަން މަޖުބޫރު ނުކުރުވޭނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.
އިރާނަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނޭ ކަމަށާއި، އީރާނަކީ ވަރުގަދަ ގައުމެއްގެގޮތުގައި ދެމިއޮތުމުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނޭ ކަމަށާއި، އީރާނުގެ ސަރުކާރު އޮތީ އެކަމުގެ އަޒުމުގައި ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން މި މޭރުމުން ވާހަކަ ދެއްކެވިއިރު، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވާހަކަތަކުގައި އީރާނަށް ވަރަށް ހަނި ފުރުސަތެއްދީ އެމެރިކާއިން ގެންދަނީ އީރާނަށް ބިރު ދައްކައި، އެއްބަސްވުމެއް ހެދުމަށް މަޖުބޫރު ކުރަމުންނެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ އިތުރުން، އީރާނުގެ ބެސްލިސްޓިކް މިސައިލް ޕްރޮގްރާމްވެސް ވާހަތަކުގައި ހިމެނުމަށް އެމެރިކާއިން ގެންދަނީ މަޖުބޫރު ކުރަމުންނެވެ.
އެމެރިކާގެ ބައެއް ހުށަހެޅުންތަކަށް އީރާނުން ދޫދީފައި ވާއިރު، އަދިވެސް އެއްބަސްވުމަކާ ހަމައަށް ނުދެވެއެވެ.
މިހެން މިކަން އޮއްވައި، އެމެރިކާގެ ލަޝްކަރު އީރާނަށް ހަމަލާދޭން އެންމެފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
އެމެރިކާ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓުތަކާއި، ޖެޓުތަކާއި، މަނަވަރުތަކާއި، ވައިގެތެރޭގައި ތެޔޮއަޅާ ބޯޓުތަކާއި، ސަބްމެރިންތަކުގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ދަނީ އާންމުވަމުންނެވެ.
ވައިޓްހައުސްގެ އެކިއެކި މަސްދަރުތަކާ ހަވަލާދީ މީޑިއާ ރިޕޯޓްތައް ބުނަނީ، އީރާނަށް ހަމަލާދޭން އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު ނިންމައިފި ކަމަށެވެ.
އެގޮތުން، ހޯމަ ނުވަތަ އަންގާރަ ދުވަހު އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށާނޭ ކަމަށްވެސް ރިޕޯޓްތައް ބުނަމުން އެބަދެއެވެ.
މި ރިޕޯޓްތަކާއި، ވީޑިއޯތައް އާންމުވަމުން ދާއިރު، އީރާނުގެ ވަފުދުގެ ބޭފުޅުން ތިއްބެވީ އެމެރިކާއާ ވާހަކަ ދައްކަން ޖެނީވާގައެވެ.
އީރާނު ލައްވައި އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން ވާހަކަ ދައްކާއިރު، އަނެއްކޮޅުން މިގެންދަނީ ހަމަލާދޭނޭ ކަމުގެ ބިރު ދައްކައި، ހަމަލާދޭން ތައްޔާރުވަމުންނެވެ.
އެމެރިކާގެ އަސްކަރީ ބޮޑެތި މަތިންދާ ބޯޓުތައް ޕޯޗްގަލްގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަށް ހޮނިހިރު ދުވަހު ޖަމާކޮށްފައި ވާއިރު، އެމެރިކާ ކަނޑުގެ ސިފައިންގެ ދެވަނަ ސްޓްރައިކް ގްރޫޕްވެސް ހޮނިހިރު ދުވަހުވަނީ އަރަބި ކަނޑަށް ގޮސްފައެވެ.
އެމެރިކާއިން އަދިވެސް މެދުއިރުމައްޗަށް ހަތިޔާރު ޖަމާކޮށް އަދި އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުން ދާއިރު، އީރާނުގެ ބާރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް – އައިއާރްޖީސީން ބުނަނީ އެމީހުން ތިބީ ރައްދު ހަމަލާތައް ފަށަން ތައްޔާރުވެގެން ކަމަށެވެ.
އައިއާރްޖީސީން އެމެރިކާއަށް އަންގަނީ ކުރިން ހަނގުރާމަ ފެށުމަށެވެ. އަދި އަންގަނީ އެމެރިކާއިން ފަށާ ހަނގުރާމަ ނިންމާނީ އެމީހުން ކަމަށެވެ.
ކުރިން 5 ފަހަރެއްގެމަތިން ހިނގާފައިވާ ކުރިމަތިލުންތައްވެސް ކާމިޔާބު ކޮށްފައިވަނީ އީރާނުންކަން ހަނދާންކޮށްދީ އީރާނު އަސްކަރިއްޔާއިން ބުނެފައިވަނީ އެމެރިކާއިން ފަށާ ހަނގުރާމައިން މިފަހަރުވެސް ކުރިހޯދާނީ އީރާނުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު