އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާއިމްކުރި “ބޯޑް އޮފް ޕީސް” މިއަދު އިފްތިތާހް ކޮށްފިއެވެ.
ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމްކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް އުފެއްދި ބޯޑް އޮފް ޕީސް އިފްތިތާހް ކުރީ ވޮޝިންޓަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ބޯޑު އުފެއްދުމުގެ މަސައްކަތް ފެށުނީއްސުރެ “ބޯޑް އޮފް ޕީސް” މި ނަން ބޭނުންކުރި ނަމަވެސް، ޓްރަމްޕް ފަހުންވަނީ އެ ބޯޑުގެ ނަން “ޑޮނަލްޑް ޖޭ ޓްރަމްޕް ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް” މި ނަމަށް ބަދަލުކޮށްފައެވެ.
ބޯޑް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ 47 ވަރަކަށް ގައުމުން ބައިވެރިވެފައި ވެއެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ރައީސް އެދުނު ވަރަށް ފައިސާ ދީގެން ދާއިމީ މެމްބަރުންގެ ގޮތުގައި ބޯޑުގައި ބައިވެރިވާ ގައުމުތަކާއި، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި ގައުމުތަކެވެ.
އެގްޒެކެޓިވް ބޯޑުގައި ތިބެނީ ޓްރަމްޕް ކަނޑައަޅާފައިވާ 8 މެމްބަރުންނެވެ. ބޯޑުގައި ޕީސް ކައުންސިލެއްވެސް ހިމެނެއެވެ.
ދާއިމީ ގޮނޑިއެއް ޔޫރަޕަށް ދިން ނަމަވެސް، އީޔޫއިން އެ ފުރުސަތުގެ ބޭނުމެއް ނުހިފިއެވެ.
ބޯޑް އޮފް ޕީސްގެ ދައުރާއި އަދި އޮނިގަނޑު ހަދާފައިވާ ގޮތާމެދު ސުވާލު އުފައްދައި، އީޔޫގެ ބޮޑެތި އެތައް ގައުމަކާއި، ޖަމާއަތަކުންވަނީ އެ ބޯޑުގައި ބައިވެރިނުވާން ނިންމާފައެވެ.
ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމްކުރަން އުފެއްދި ބޯޑެއް ނަމަވެސް، އެ ބޯޑުން ފަލަސްތީނު ސަރުކާރަށް އަދި ފަލަސްތީނު އެއްވެސް މީހަކަށްވެސް ފުރުސަތެއް ދީފައެއް ނުވެއެވެ.
އިފްތިތާހީ ޖަލްސާގައި ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، އޭނާގެ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި 8 ހަނގުރާމަ ހުއްޓުވައިފި ކަމަށެވެ.
އެމެރިކާގެ ރައީސް ބުނީ، އެނާ މަސައްކަތް ކުރަނީ ޣައްޒާ، މެދުއިރުމަތީ އަދި ދުނިޔެއަށްވެސް އުޖާލާ މުސްތަގްބަލެއް ހޯދައިދިނުމަށް ކަމަށެވެ.
ޓްރަމްޕް ބުނީ ޣައްޒާ ހަނގުރާމަ ހުއްޓުވިއްޖެ ކަމަށެވެ. އެކަމަކު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ބާރުން ކޮންމެ ދުވަހަކު ޣައްޒާއަށް ހަމަލާދީ އާންމުން ޝަހީދު ކުރަމުންދާ ދިއުމާއި، ޣައްޒާގެ ގެތަކާއި އިމާރާތްތައް ތަޅައި ސުންނާފަތި ކުރަމުންދާ ދިއުމަށް ޓްރަމްޕް އެއްވެސް ވަރަކަށް އިޝާރާތެއް ނުކުރެއެވެ.
އިފްތިތާހީ ޖަލްސާގައި ޣައްޒާއާ ބެހޭގޮތުން ރިޕޯޓެއް އިއްވިއިރު، ޣައްޒާއިން އެތައްހާސް ބަޔަކު ޝަހީދުކޮށް ނަސްލު ނައްތާލަމުން ދިއުމާއި ޣައްޒާ އެކަށް ސުންނާފަތި ކޮށްލީ ކޮން ބައެއް ކަމެއްވެސް ހާމަކުރާކަށް ނުކެރުނެވެ.
ޣައްޒާ އަލުން ބިނާކުރުމަށް ބޯޑުގައި ބައިވެރިވާ ގައުމުތަކުން 7 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވައުދުވެފައިވާކަން އެމެރިކާގެ ރައީސް ޓްރަމްޕް ހާމަކުރިއެވެ. އެމެރިކާއިން 10 ބިލިއަން ދޭނޭ ކަމަށް ޓްރަމްޕް ވައުދުވިއެވެ.
ކިޔުންތެރިންގެ ހިޔާލު