ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސްގައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި އައުޓްލެޓާއެކު، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭ ގިނަ ބާވަތްތަކެއް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހައިން ލިބިގެންދާނެއެވެ.
އެގޮތުން، އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި 23 ބާވަތެއް މި ފިހާރައިން ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް ތަކެތި ދޫކުރުމުގެ އިންތިޒާމުވެސް މި ފިހާރައިގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެއިތުރުން، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތަކާއި، ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައްވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ، މި ފިހާރައަކީ ރަމަޟާން މަހާ ދިމާކޮށް ހުޅުވި ފިހާރައެއް ނަމަވެސް، މިއީ ދާއިމީކޮށް ހުޅުވިފައި ހުންނާނެ ފިހާރައެއް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި ފިހާރައިގެ ޚިދުމަތް އާއްމުންނަށް ލިބެމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު