ކުށްކުރާ މީހުން ހިފައި ހައްޔަރު ކުރުމަށް ސްރީލަންކާ ފުލުހުން އިއްޔެ މުޅި ގައުމުގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 853 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ، ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 31،525 މީހުން ބަލައި ފާސްކުރެވުނު ކަމަށެވެ.
އިއްޔެ ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ކުށް ކުރުމަށްފަހު ފިލައިގެން އުޅުނު 20 މީހުންނާއި، ހައްޔަރު ކުރަން އަމުރު ނެރެފައިވާ 429 މީހުންނާއި އަދި އޯޕަން ވޮރަންޓުގެ ދަށުން ހައްޔަރު ކުރަން ބޭނުންވެފައިވާ 203 މީހުންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެއިތުރުން، މަސްތުގެ ހާލުގައި ވެހިކަލް އަދި ސައިކަލް ދުއްވި 527 މީހުންނާއި، އެހެން މީހުންގެ ފުރާނައަށް ނުރައްކާ ވާގޮތަށް ވެހިކަލް ދުއްވި 96 މީހަކުވެސް އިއްޔެ ހައްޔަރު ކުރެވުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކުށްކުރާ މީހުން ހިފައި ހައްޔަރުކުރަން ސްރީލަންކާ ފުލުހުން މުޅި ގައުމުގައި ޚާއްސަ އޮޕަރޭޝަނެއް މިފެށީ، މީހުން މެރުމާއި އަނިޔާވެރި ކުށްތައް އިތުރުވުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ހިއުމަން ޓްރެފިކިންގެ މައްސަލަތަކާއި، ގޭންގް ކުށްތަކާއި، ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެ އާންމު ސަލާމަތަށް ނުރައްކާވެ މުޅި ގައުމުގައި އެކަމުގެ ކަންބޮޑުވުންތައް އުފެދުމާ ގުޅިގެންނެވެ.
ސްރީލަންކާގެ އާންމު ރައްޔިތުންނާއި، އަދި އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ކުށްކުރާ މީހުންގެ ޝިކާރައަކަށް ވަމުން ދެއެވެ.
ޚާއްސަކޮށް ފަތުރުވެރިން ގޮސްއުޅޭ ސަރަހައްދުތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށް ހިންގާ ކުށްތަކާއި، ފަތުރުވެރިންނަށް ފުރައްސާރަކުރުމާއި، ޖިންސީ ގޯނާކުރުން އިތުރުވަމުންދާތީ ސްރީލަންކާ ސަރުކާރުން މިހާރު ގެންދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މީގެއިތުރުން، ރޭޕްގެ މައްސަލަތަކާއި، އަންހެނުންނަށް އަމާޒުކޮށް ހިންގާ ޖިނާއީ ކުށްތައް އިތުރުވެ، އާންމު ސަލަމާތަށް ނުރައްކާ ވަމުންދާތީވެސް ގެންދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެހެންވެ، ފުލުހުން މިހާރުވަނީ ކުށްކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށްފައެވެ.
މި މަސައްކަތުގެ ދަށުން، ސްރީލަންކާގައި ރާވައިގެން ބޮޑެތި ޖިނާއީ ކުށްތައް ހިންގާ ފަރާތްތައް ހޯދުމަށް ފުލުހުން މިހާރުވަނީ ގައުމުން ބޭރުގައި ފިލައިގެން އުޅޭ 95 މީހަކު ހައްޔަރުކުރުމަށް ރެޑް ނޯޓިސްވެސް ނެރެފައެވެ.
ކިޔުންތެރިންގެ ހިޔާލު