ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.
މި ފަހުމުނާމާގެ ދަށުން އޭސީސީއިން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވޯކްޝޮޕްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމާއި، ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ހިންގުން ހިމެނެއެވެ.
މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހާސިލްކުރުމެވެ. މީގެ އިތުރުން، ކޮމިޝަނުންދޭ ލަފާ ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމްކުރުން މި އެއްބަސްވުމުގައި ހިމެނެއެވެ.
އަދި މި ފަހުމުނާމާގައި އެމްއެންޔޫގެ ފަރާތުން ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލުމުގައި ކޮރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަނާއެކު ގުޅިގެން މަސައްކަތްކުރުމާއި، އެންޓި-ކޮރަޕްޝަން ސިޔާސަތުތައް ތައްޔާރުކުރުމުގައި ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައްކޮށް ޖަރނަލްތައް ޝާއިޢުކުރުމުގައިވެސް ޔުނިވަރސިޓީން އެހީތެރިވެދޭނެއެވެ.
މި ފަހުމުނާމާއަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ އެކި ދާއިރާތަކުން ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން ހިންގޭ ތަމްރީނުތަކާއި ކުރެވޭ ދިރާސާތަކުގެ ސަބަބުން، މުޖުތަމައުގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު