ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެހެން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާތީ، ރަމަޟާން މަސް ފެށުމުގެ ކުރިން އަންނަ ހަފުތާގައި ރީޑިން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެ ގޮތަށް ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން އިއުލާންކުަރައްވާފައެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ރައީސް މުއިއްޒުގެ ނިންމެވުމާ ގުޅިގެން، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކުރިއަށްދާނެ ކަމަށެވެ. އެ މަސައްކަތުގައި ކަސްޓަމަރުންގެ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ރަމަޟާން މަހުގެ ކަރަންޓް ބިލް 400ރ. އަށްވުރެ ބޮޑުނުވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގަ އެވެ.
“ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ، އަންނަ ރަމަޟާން މަހުގެ ބިލަށް ނަގާނީ 400 ރުފިޔާ އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް,” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ކޮންމެ ރަމަޟާން މަހެއްގައި ވެސް ކަރަންޓް ބިލުން ޑިސްކައުންޓް ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު