ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއްކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ “ވެލާނާ އެވޯޑްސް” ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވަނީ ކާމިޔާބީ ހާސިލް ކުރުމުގައި ކޮންމެ މުޢައްސަސާއަކާއެކުވެސް މަސައްކަތް ކުރާ ބައިވެރިން މުހިންމުކަން ފާހަގަކުރައްވާފައެވެ. ވެލާނާ އެވޯޑަކީ މިފަދަ ބައިވެރިން ފާހަގަކުރުމަށް ދެވޭ އެވޯޑެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކައިގައި ވަނީ ހިންގުމުގެ ހަރުދަނާ ކަމަކީ ކާމިޔާބީ ވަޒަން ކުރުމުގެ އެންމެ އަސާސީއެއް މިންގަނޑުކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެއާޕޯޓަށް އިތުރު ކުރެވޭ ކޮންމެ ޚިދުމަތަކާއި، އަދި އިތުރު ކުރެވޭ ރޫޓަކީ މިކާމިޔާބީ ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ޝަރީފް ވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި ރައްޔިތުންނަށް ހުޅުވިގެންދާ އައު ފުރުސަތުތަކެއް ކަމަށް ވިދާޅުވެފައެވެ. ޝަރީފް ވަނީ ކޮންމެ އަހަރަކުވެސް ސަރުކާރުން މިދާއިރާގެ އައު ލަނޑުދަނޑިތައް ކަނޑައަޅުއްވާކަމަށް ވިދާޅުވެ މިލަނޑުދަނޑިތައް ހާސިލްކުރުމަށް ބުރަ މަސައްކަތް ކުރުމުގެ އިތުރަށް ވަރުގަދަ ގުޅުންތަކެއް މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުންތައް ދެމެހެއްޓުމަށް ދެކޮޅުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ،
“މި ދަތުރުރަކީ ގުޅިގެން ކުރެވޭ ދަތުރެއް. އަޅުގަނޑުމެންގެ މި ގުޅުންތައް ބަދަހިވުމުން އެއަރޕޯޓަށް ކުރިއެރުން ލިބޭ. އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ ޤައުމަށް ލިބޭ ފާގަތިކަމެއް” އެމްއޭސީއެލް މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވިއެވެ.
ޝަރީފްވަނީ ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލާއެކު، ލިބުނު ކުރިއެރުމަށްވެސް އަލިއަޅުވާލެއްވިއެވެ. އަދި މިހާރު އައު ޓަރމިނަލާއެކު ލިބުނު ކުރިއެރުންތަކުގެ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އެމްޑީވަނީ، މިމަސައްކަތުގައި ރައީސުލްޖުމްހޫރީއްޔާ އަދި ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުން އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާ އެއްހަމައިގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި ވެލާނާ އެއަރޕޯޓު ވާނީ ސަރުކާރުގެ ތަޞައްވުރު ހަޤީޤަތަކަށް ހަދައިދިނުމުގެ މެދުވެރިއަކަށް ކަމަށް ޝަރީފް އޭނާގެ ވާހަކަ ނިންމަވަމުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު