ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ ވާހަކަފުޅު ބާއްވަވައިފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޖަރުމަނުވިލާތުގެ ރައީސް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައިވަނީ އެޤައުމުގެ ރިޔާސީ ގަނޑުވަރުގައެވެ.

މި މަޝްވަރާތަކުގައި ރާއްޖެއާ އާއި ޖަރުމަނާ ދެ ޤާއުމުގެ ދެމެދު މަސްލަހަތު އޮންނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވަނީ އަލިއަޅުއްވާލައްވާފައެވެ. ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިއެވެ.

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ވަޑައިގެން “މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ” ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރުކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

ޖަރުމަންވިލާތުގެ ފަތުރުވެރިން އިތުރުކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން ޖަރުމަނު ޗާންސެލަރ ދެއްކެވި ވާހަކަތައް ވަރަށް ސީރިއަސްކޮށް ނަގާނަން: އިސްރާއީލު