އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް މިއަދު ދިން ހަމަލާތަކުގައި 8 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް، ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އަދި ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ބުނެއެވެ.
ޚާން ޔޫނިސްގެ އުތުރުން އާންމުންގެ މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައި ވާއިރު، ޣައްޒާގެ މެދުތެރޭ އެކި ހިސާބުތަކަށް ބޮޑުބަޑީގެ ހަމަލާ ދީގެންނާއި، ބަޑިޖަހައި އިތުރު 3 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.
އަދި ޣައްޒާގެ ދެކުނުން ގާޒާ ސިޓީގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް ބޮންއަޅައި 4 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
ހަނގުރާމަ ހުއްޓާޅަން އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފަށާފައި ވީނަމަވެސް، އިސްތިއުމާރީ ސިފައިން ގެންދަނީ ހުއްޓާނުލާ ޣައްޒާގެ އެކި ހިސާބުތަކަށް މަތިންދާ ބޯޓާއި، ޑްރޯން ބޭނުންކޮށްގެން ވައިގެ ހަމަލާތައްދީ އަދި ބޮޑުބަޑީގެ ހަމަލާތަކާއި، ހަތިޔާރުންވެސް ހަމަލާދީ އާންމުން ޝަހީދު ކުރަމުންނެވެ.
އެގޮތުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހެދިފަހުން އެކަނިވެސް އިސްތިއުމާރީ ސިފައިން ޣައްޒާއިން މިހާތަނަށް 586 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 1،558 އަށް އަރައެވެ.
ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމާ ޚިލާފްވެ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް މިހާތަނަށް 1،500 އަށްވުރެ ގިނަ އުދުވާނީ ހަމަލާ ދީފައިވާ ކަމަށް، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.
އިސްތިއުމާރީ ސިފައިން މިހާރު ގިނައިން ހަމަލާތައް ދެމުން ގެންދަނީ، ހާލުގައި ޖެހިފައިވާ އާންމުން ތޮއްޖެހިގެން ދިރިއުޅޭ ޓެންޓު އަވަށްތަކަށް ކަމަށާއި، މިހާރުދޭ ހަމަލާތައް އިތުރުވެ ވަރުގަދަ ވަމުންދާ ކަމަށްވެސް ބުނެއެވެ. އަދި ރޭގަނޑު މީހުން ނިދަން ތިއްބައި ދޭ ހަމަލާތައް އިތުރުވެ މީހުންގެ މެދުގައި ބިރުވެރިކަން އާންމުވަމުންދާ ކަމަށްވެސް ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
އާންމުންގެ ބޯމަތީގައި ރެއާއި ދުވާލު ޑްރޯންތައް އުދުހެމުންދާ ކަމަށްވެސް ބުނެއެވެ.
ޣައްޒާގެ އާންމުން މިހާރު ގަބޫލުކުރަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ އެއްޗެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު