އެއްވެސް މަޝްވަރާއެއް، ވާހަކަތަކެއް ކުރިއަށް ގެންދާނީ އީރާނުގެ ގައުމީ މަސްލަހަތުގެ އިމުގެތެރެއިން ކަމަށް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް މިފަދައިން ވިދާޅު މިވީ، އީރާނު – އެމެރިކާ ސަމިޓެއް ހުކުރު ދުވަހު ތުރުކީގެ އިސްތަމްބޫލްގައި ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އެކްސްގައި ފުލުފުލުން ޕޯސްޓް ކުރެއްވި މެސެޖްތަކެއްގައި އީރާނުގެ ރައީސް ވިދާޅުވީ، މަޝްވަރާއަށް ދިއުމަށް އީރާނުން ނިންމީ، ވާހަކަ ދައްކަން އެމެރިކާގެ ރައީސް ހުށަހަޅާފައިވާ ހުށަހެޅުމަށް ޖަވާބު ދިނުމަށް ސަރަހައްދުގެ އެކުވެރި ގައުމުތަކުން އެދުމުން ކަމަށެވެ.
އެހެންކަމުން، އިންޒާރާއި ބިރުދެއްކުމުގެ މާހައުލެއް ނެތްކަމަށް ވާނަމަ، އަދި ހަމަހަމަކަމާއި އިންސާފުވެރި ވާހަކަތަކެއް ދެކެވޭކަނެ މާހައުލެއް އޮތްކަމަށް ގަބޫލު ކުރެވޭނަމަ މަޝްވަރާތަކުގައި ބައިވެރިވުމަށް އީރާނުގެ ޚާރިޖީ ވަޒީރަށް މިހާރު އަންގަވާފައި ވާނޭ ކަމަށް، އީރާނުގެ ރައީސް ވިދާޅުވިއެވެ.
ޚަބަރުތައް ބުނާގޮތުގައި، އަންނަ ހުކުރު ދުވަހު ބާއްވަން މަސައްކަތް ކުރާ އީރާން – އެމެރިކާ ސަމިޓްގައި އީރާން، ތުރުކީ، ގަތަރު، މިސްރު، އުމާން، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައި ގަންނަވާނެއެވެ.
އެކަމަކު، ވާހަކަތައް ބާއްވާ ތަނަކާ ގުޅޭގޮތުން އީރާނުގެ ރައީސްވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
އީރާނު – އެމެރިކާގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓިވް ވިޓްކޮފާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާ ދެމެދުގައި ކަމަށް ވެއެވެ.
އެމެރިކާއިން އީރާނުގެ ކިބައިން ޑިމާންޑް ކުރަމުން ގެންދަނީ 3 ކަމަކަށެވެ. އެއީ، ޔޫރޭނިއަމް ފައްކާކުރުން ދާއިމަށް ހުއްޓާލުމާއި، އީރާނުން އުފައްދާ ބެލިސްޓިކް މިސައިލް ދަތުރުކުރާ ދުރުމިން ލިމިޓް ކުރުމާއި ސްޓޮކް ލިމިޓް ކުރުމުގެ އިތުރުން، ފަލަސްތީނުގެ ހަމާސްއާއި، ލުބުނާނުގެ ހިޒްބުﷲއާއި ޔަމަނުގެ ހޫޘީންނަށް ތާއީދުދިނުން މުޅީން ހުއްޓާލުމެވެ.
އެކަމަކު، އީރާނުން ބުނަމުން ގެންދަނީ، އެމެރިކާއާ ވާހަކަ ދެއްކިޔަސް ދެއްކޭނީ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް އެކަނި ކަމަށެވެ.
އިންޒާރާއި ނުރައްކަލުގެ މާހައުލެއް ނެތްކަމަށް ވާނަމަ ވާހަކަތައް ކުރިއަށް ގެންދަން އީރާނުގެ ރައީސް، ޚާރިޖީ ވަޒީރަށް އިރުޝާދު ދެއްވިއިރު، އެމެރިކާއިން ވަނީ އީރާނާ ގާތަށް ކަނޑުގެ ސަރަހައްދަށް މާސިންގާ ބިޔަ ލަޝްކަރެއް ޖަމާކޮށްފައެވެ.
އަދި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެއަރބޭސްތަކަށްވެސް ހަތިޔާރާއި ސިފައިން ޖަމާކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު