ފެނަކަ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ކެމްޕޭން ”ލޭފަވެތި ފެނަކަ“ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

މިއީ މޯލްޑިވްސް ބްލަޑް ސާވިސްއާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޙަރަކާތް ފަށާފައިވަނީ، 23 ޑިސެމްބަރ 2025 ގައި މާލޭ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޙަރަކާތުންނެވެ.

މި ހަރަކާތުގައި، ފެނަކައިގެ ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާ ކޮށްފައިވެއެވެ.

ފެނަކައިން ބުނީ، ލޭ ލިބުމުގައި ދަތިތަަކެއް ދިމާވެ، އާންމުންގެ އެހީއަށް ބޭނުންވެފައިވާމި ދަނޑިވަޅާ ދިމާކޮށް، އައްޑޫ ސިޓީގައި މި މަހުގެ 15 ގެ ކުރިން ފެނަކައިގެ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން ”ލޭފަވެތި ފެނަކަ“ ކުރިއަށް ގެންދިޔުމަށް ތާވަލުކޮށް، ކެމްޕޭން ހިންގުމަށް ވާންޖެހޭ ތައްޔާރީތައް މޯލްޑިވްސް ބްލަޑް ސަރވިސް އާއި ގުޅިގެން މިހާރު ވަމުންދާ ކަމަށެވެ.

އައްޑޫގައި މި ހަރަކާތް  ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނަކަ މުވައްޒަފުންނާއި، އާއިލާތަކުގެ އިތުރުން އާއްމުންނަށްްވެސް ބައިވެރިވެ ލޭ ހަދިޔާ ކުރެވޭގޮތަށް ކަމަށް ފެނަކައިން ބުންޏެވެ.

ތެލަސީމިއާ ކުދިންނަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް ހަލެއް ގެނައުމަށް ސަރުކާރުގެ އެކި ކުންފުނިތަކުން އިސްނަގައިގެން ލޭ ހަދިޔާކުރަން ހާއްސަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.