ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް އެކަމުން ފައިދާވާނެތީ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ބަންޑާރަ ނައިބު އުޝާމާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މިއަދު އެ ކޮމިޓީއަށް ހާޒިރުކުރީ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ އެއް އިރެއްގައިވެސް ދެ އިންތިޚާބު ދުރުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.
ފެހި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރަމުން އައި ނަމަ، އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރާތާ ދެ ތިން މަހުގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ސަރުކާރުން އެ އިސްލާހު ހުށަހެޅީ ރައްޔިތުންގެ މަންފާއަށްޓަކައި ކަމަށެވެ. ސަރުކާރުން އެގޮތަށް ހުށަހެޅިޔަސް އެކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ގޮތަށް އަލިއަޅުވާލައްވައި އުޝާމް ވިދާޅުވިގޮތުގައި، 2008ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލީ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބާ ދެމެދު ހަ މަހުގެ މުއްދަތެއް އޮންނަ ގޮތަކަށް ނޫނެވެ.
ފެހި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރިނަމަ ރައީސުލްޖުމްހޫރިއްޔާ ހުވާކުރާތާ ދެ ތިން މަހުގެ ތެރޭ މަޖިލިސް ހުވާކުރާނެ ކަމަށް ވިދާޅުވެ، އެ ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ މަޖިލީހުގެ އިންތިޚާބު މާރިޗު އެކެއްގެ ކުރިން ބާއްވަން ވާނެ ކަމަށް އޮތް ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނެތްކަން އުޝާމް ފާހަގަކުރެއްވިއެވެ.
“އެހެންވީމާ އެއްވެސް އިރެއްގައި ގާނޫނުއަސާސީ އިސްލާޙުކުރިއިރުގައި ވިސްނުމެއްނޫނޭ ދެ އިންތިޚާބު ދުރުކުރުމަކީ، އެހެންވީމާ މި އިސްލާހު ގެނައުމަކީ ފައިދާއެއް ވާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،” އޭނާ ވިދާޅުވިއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު އެއް ދުވަހަކަށް ހަދާ ނަމަ، އިންތިޚާބުތައް އެއްކޮށްލައިގެން ބޭއްވޭނީ މިމަހުގެ 18ވަނަ ދުވަހުގެ ކުރިން އާ ގާނޫނުގެ ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށެވެ.
އަދި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު، ކައުންސިލު އިންތިޚާބު އޮންނަ ދުވަހު ނަގާނަމަ އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށާއި، ވަކިން ބާއްވާނަމަ އެ ވޯޓަށް 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު