މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 828.7 މިލިޔަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް މާލީ ނަތީޖާއެއް ހާސިލްކޮށްފައިވެއެވެ. ސާފު ފައިދާގެ ގޮތުގައި 837.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓަރއާ އަޅައިބަލާއިރު %76.2 ކުރިއެރުމެކެވެ.
2025 ވަނަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިޔަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %16.1 ގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިޔަން ރުފިޔާއަށް އަރާފައެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިޔަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %15 ކުރިއެރުމެކެވެ. މިކަމުން ބޭންކުގެ ބެލެންސް ޝީޓްގެ ހަރުދަނާކަން ދަމަހައްޓަމުންދާކަން ހާމަކޮށްދެއެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިޔަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
މި ހަރުދަނާ މާލީ ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ހަތަރުވަނަ ކުއާޓަރގެ ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަން އަދި ބޭންކުގެ މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަންކަމުގައެވެ.
“2025 ވަނަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވޭ. ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން” ޝަރީފު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު