ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ޑްރައިވަރުންނަށް އެއްފަހަރާ ދެ ސެންޓަރުގައި މަސައްކަތް ކުރެވޭގޮތަށް ހަދައިފި

taxi

ޓެކްސީ ޚިދުމަތް ދިނުމުގެ ގަވާއިދަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެސް، ޓެކްސީ ސެންޓަރުތައް ހެދުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށް، ޒަމާނީ ޓެކްނޮލޮޖީއާއެކު އޮންލައިންކޮށް ޚިދުމަތް ދެވޭނެ މަގު ޓްރާންސްޕޯޓް މިނިސްޓްރީން ތަނަވަސްކޮށްދީފިއެވެ. މިއަދު ގެޒެޓުކުރެވުނު މި އިސްލާހުތަކަކީ މި ދާއިރާ އިތުރަށް ހަރުދަނާކޮށް، ވާދަވެރި މާހައުލެއް އުފެއްދުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅެކެވެ.

މި ގެނެވުނު ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށް ލާޒިމުކުރާ އަދަދަށް ގެނައި ބަދަލެވެ. ކުރިން ޓެކްސީ ސެންޓަރެއް ހިންގުމަށް މަދުވެގެން 100 އުޅަނދު ނުވަތަ ޑްރައިވަރުން ތިބެންޖެހޭނަމަވެސް، އާ އިސްލާހާއެކު މި އަދަދު ވަނީ 50 އަށް ދަށްކޮށްފައެވެ. މިނިސްޓްރީން ދެކޭގޮތުގައި މި ލުޔާއެކު، އަލަށް މި ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލެވި، މާކެޓުގައި ވާދަވެރިކަން އުފެދި ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

ހަމައެއާއެކު، ޓެކްސީ ޑްރައިވަރުންނަށް ވެސް މާލީގޮތުން ފައިދާވާނެ ފަދަ މުހިންމު ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ލައިސަންސް އޮންނަ ޑްރައިވަރުންނަށް އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން މަސައްކަތް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މީގެ ސަބަބުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ އިތުރުވުމުގެ އިތުރުން، ޕީކް ގަޑިތަކުގައި ނުވަތަ ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ރައްޔިތުންނަށް ދަތިނުވެ ޚިދުމަތް ފޯރުކޮށްދިނުމަށް ސެންޓަރުތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވަމުން އަންނަ މުޖުތަމައުއެއްގައި، އެޕްލިކޭޝަންތައް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ދިނުން ވެސް މިހާރު ވަނީ ގަވާއިދުގެ ތެރެއަށް ފައްތާފައެވެ. އެގޮތުން މިނިސްޓްރީގެ ޚާއްޞަ ހުއްދައެއް ނަގައިގެން މޮބައިލް އެޕް ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޚިދުމަތް ދެވޭނެއެވެ. މިއީ ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ޑިޖިޓަލްކޮށް ޚިދުމަތްދޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެޅި ބާރެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެމްޓީސީސީ ފަދަ ކުންފުނިތަކުން މި ޚިދުމަތަށް ވަނުމަށް މަގުފަހިކުރުމުގެ ގޮތުން، ކުންފުނީގެ މެންޑޭޓުގައި ޓެކްސީ ޚިދުމަތް ހިމެނޭނަމަ އެކަން ކުރެވޭނެ ގޮތަށް ވެސް ގަވާއިދު ވަނީ ބައްޓަންކޮށްފައެވެ.

ޖުމްލަ ގޮތެއްގައި މި ގެނެވުނު ހުރިހާ އިސްލާހެއްގެ ވެސް އަމާޒަކީ، ރާއްޖޭގައި ދެވޭ ޓެކްސީގެ ޚިދުމަތަކީ ރައްކާތެރި، އިތުބާރު ހިފޭ އަދި ޒަމާނީ ނިޒާމަކަށް ހަދައި، ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތްދޭ ފަރާތްތަކަށް ވެސް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

ދަފްތަރުވާ ޓެކްސީ ޑްރައިވަރުންނަށް ހައުސިން ސްކީމުން ފުރުސަތު ލިބޭނެ: ރައީސް

TTH_advertisement